ކުރީގެ މިނިސްޓަރ މުއުމިނާ ޙަލީމުގެ ނަމުގައި ފޭކު ޓުވީޓުތަކެއް ކުރަމުންދާ މީހަކީ ކާކުކަން އެނގިއްޖެ ނަމަ އެމައްސަލަ ޝަރީއަތަށް ފޮނުއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާކަމުގައި އެކަމަނާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރު އަދި ދައުލަތަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވައި، އަދި ދިވެހި ދައުލަތުންދޭ އެންމެ މަތީ ޝަރަފުކަމުގައިވާ ނިޝާން އިއްޒުދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންފައިވާ، މުއުމިނާ ހަލީމު މިހެން ވިދާޅުވީ، އެކަމަނާގެ ނަމުގައި ފޭކު ޓުވީޓާ އެކައުންޓެއް ހިންގަމުން ގެންދާ މައްސަލައިގައި އާއިލީ ބޭފުޅަކު މެދުވެރިކުރައްވައި ޓުވިޓާގައި އާއްމުކުރެއްވި ކުރު ވީޑިއޯ މެސެޖެއްގައެވެ.

މުއުމިނާ ހަލީމް ވިދާޅުވީ އެކަމަނާއަކީ މޮބައިލް ފޯނެއް ބޭނުން ކުރާ މީހެއް ނޫންކަމަށާއި، އިންޓަނެޓު ބޭނުން ކުރާ މީހެއް ނޫންކަމަށެވެ.

"ތިޔައީ ކާކު ކުރާކަމެއްކަން އެނގިއްޖިއްޔާ އަޅުގަނޑު އެމީހަކު ޝަރީއަތަށްވެސް ފޮނުވާ ހިތްވޭ. އަޅުގަނޑުގެ ނަމުގައި އެކަންތައްކޮށްގެން ނުވާނެ ނޫންތޯ؟ އަޅުގަނޑުގެ ހިތަށް ނާރާ އެއްޗިއްސާއި، އަޅުގަނޑު ބުނަން ބޭނުންނުވާ އެއްޗެހި ބުނެފައި، ފޮޓޯވެސް ޖަހާފައި." މުއުމިނާގެ ފަރާތުން އާއްމު ކުރެއްވި ވީޑިއޯގައި އެކަމަނާ ވިދާޅުވެފައި ވެއެވެ.

މިހާރު އުމުރުފުޅުން އައްޑިހަ އަހަރުފުޅުވެފައިވާ، މުއުމިނާ ހަލީމް ވިދާޅުވީ އެކަމަނާ މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ އެކަމަނާ ދުނިޔެއަށް ވަޑައިގެންނެވި ޤަރުނުގައި ކަމަށެވެ. އަދި ބޭނުންފުޅު ކުރައްވަނީ ހަމައެކަނި ފިކްސްޑް ލައިން ފޯނު ކަމުގައި ވިދާޅުވިއެވެ.