ނެދަލެންޑްސް ބަލިކޮށް ޔުއެފާ އިން މުޅިން އަލަށް ތައާރަފުކުރި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދައިފި އެވެ.

މިފަހަރުގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދިއިރު، އެ ގައުމުން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި މިއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ހޯދި 29 ވަނަ ޓްރޮފީއެވެ.

ޕޯޗުގަލްގެ ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 1-0 އިންނެވެ.

މެޗުގެ ކުރީކޮޅު ޕޯޗުގަލްއިން ވަނީ ނެދަލެންޑްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ވަނީ މެޗުގެ ކުރީކޮޅު ޕެނަލްޓީ އޭރިއާ ބޭރުން ބާރު ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެ ދެ ހަމަލާވެސް ނެދަލެންޑްސްގެ ގޯލްކީޕަރު ސިލެސެން ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

ުމުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކަމުން ދިޔަ ޕޯޗުގަލްއިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން 15 ވަނަ މިނެޓުގައެވެ. ކައުންޓާ އެޓޭކެއްގައި ބަނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންސާލޯ ގަޑެސް އެވެ.

އޭގެ ހަތަރު މިނެޓު ފަހުން ނެދަލެންޑްސްގެ މެމްފިސް ޑިޕާއީއަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ބާރު ހަމަލާ ޕޯޗުގަލްގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯ ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި ނެދަލެންޑްސް ވާދަކުރިއިރު މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އެޓީމު ކުޅުނު ފުރަތަމަ ފައިނަލް އެވެ. ނެދަލެންޑްސް އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އެޓީމު އަޑިއަޅާލި ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކޫމަން ހަވާލުވި ފަހުން ނެދަލެންޑްސް އިން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.

ނޭޝަންސް ލީގުގެ ތިންވަނަ ހޯދީ އިންގްލެންޑެވެ. އެޓީމުން ތިންވަނަ މަގާމު ހޯދީ މިއަދު ކުޅުނު މެޗުގައި ސްވިޒަލެންޑް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.