ފަރްހާން އަޚްތަރް ޑައިރެކްޓްކުރާ ފިލްމު ސީރީޒް ޑޮންގެ ކުރީގެ ދެ ފިލްމުގައި ވެސް ބަތަލަކީ ބޮލީވުޑް ރަސްގެފާނު ޝާހުރުކް ޚާނެވެ. ތިންވަނަ ފިލްމުގެ ބަތަލަކަށްވެސް ވާނީ ޝާހު ކަމާމެދަކު މިއަދާ ހަމައަށް އެއްވެސް ޝައްކެއް އުފެދިފައެއް ނެތެވެ. އަދި ތިންވަނަ ފިލްމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފަށާނެކަމަށް ޚަބަރުތައް އޮތީ ފެތުރިފަ އެވެ.

އެހެންނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނަމުން ދަނީ ޑައިރެކްޓަރު ރާޖޫ ހިރާނީގެ ކުރިއަށް އޮތް ފިލްމަށް ޝާހު އާނ ބަސް ބުނެފައިވާތީ ޑޮން 3 އިން ޝާހު ފެނިގެންދިޔުމަކީ ނާދިރުކަމެއް ކަމަށެވެ. އަދި ޑޮން 3ގެ ބަތަލުގެ ރޯލަށް ފަރްހާން އަޚްތަރް މިހާރު ރަންބީރް ކަޕޫރް ނަގާފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެ އެވެ.

މިކަމާ ގުޅިގެން ފަރްހާންވެސް އަދި ރަންބީރާއި ޝާހުވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޝާހުގެ އެންމެ ފަހުން ރިލީޒްކުރި ފިލްމް "ޒީރޯ" އަށް ފަހު ޝާހު ހުރީ ފިލްމީ ދާއިރާ އިން ކުރު ޗުއްޓީއެއް ނަގައިގެންނެވެ. އަދި ރަންބީރް މިހާރު އަންނަނީ އޭނާގެ ބެސްޓްފްރެންޑް އާޔަން މުކެރްޖީގެ ފިލްމް ބްރަމަސްތްރާގައި ލޯބިވެރިޔާ އާލިއާ ބަޓްއާ އެކީ މަސައްކަތް ކުރަމުންނެވެ.

ޑޮން ސީރީޒްގެ ކުރީގެ ދެ ފިލްމުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ޝާހު އާއި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ދޭހަވާފަދަ ގޮތަކަށް ޕްރިޔަންކާ ވާހަކަ ދައްކައިގެން ޝާހުއާއި ޕްރިޔަންކާ އަދިއަދަށް ދާންދެންވެސް އެކަކު އަނެކަކާ ވާހަކަވެސް ނުދައްކާކަން ފާހަގަކުރެވެ އެވެ. އެހެންކަމުން ކުރިން ހީކުރެވިފައި އޮތީ ޕްރިޔަންކާގެ ބަދަލުގައި ޑޮން 3 އިން އާ ބަތަލާއެއް ފެންނާނެ ކަމަށެވެ. ނަމަވެސް ފިލްމުގެ ބަތަލު ބަދަލުވަންޏާ މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ ބަތަލާގެ ގޮތުގައި ދެންވެސް ފެންނާނީ ޕްރިޔަންކާތޯ އެވެ.