ޕްލޭ ރައިޓް އަދި އެކްޓަރު ގިރީޝް ކަރްނާދް އިންޑިއާގެ ބެންގަލޫރުގައި މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

1970 ވަނަ އަހަރު ނެރުނު ކަންނާޑާ ފިލްމަކުން އެކްޓިން ކެރިއަރު ފެށި ގިރީޝް ކަރްނާދަކީ އިންޑިއާ ސަރުކާރުން ދޭ 4 ވަނައަށް އެންމެ ޝަރަފުވެރި އެވޯޑު ޕަދްމާ ޝްރީ 1974 ވަނަ އަހަަރު ލިބި އަދި ތިންވަނައަށް އެންމެ ޝަރަފުވެރި އެވޯޑު ޕަދްމާ ބުޝަން 1992 ވަނަ އަހަރު ލިބިފައިވާ ކުޅަދާނަ ފަންނާނެކެވެ.

ގިރީޝްގެ އެންމެ ފަހުގެ ފާހަގަކޮށްލެވޭ ރޯލު ތަކުގެ ތެރޭގައި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އަދި އަޖޭ ދޭވްގަން ގެ "ޝިވާއީ" ގައި އޭނާ އަދާކޮށްފައިވާ ރޯލު ހިމެނެ އެވެ.

ގިރީޝް މަރުވުމާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ މިއަދު އެކަމާ ހިތާމަ ފާޅުކޮށް ޓްވީޓްކޮށްފަ އެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ގިރީޝް މަރުވުމުގެ ހިތާމައިގައި ޓްވީޓްކުރައްވާފަ އެވެ.