ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އާތުރު މެލޯއަށް އަނިޔާވެ ކުރިއަށް އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅެވޭނެކަމުގެ ޔަގީންކަން ކުޑަވެއްޖެއެވެ.

ބާސެލޯނާއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ މެލޯއަށް އަނިޔާވީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރޭ ބްރެޒިލްއިން ހޮންޑިއުރަސްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުގައެވެ. ފަސޭހަ ކަމާއެކު ހޮންޑިއުރަސް އަތުން 7-0 ލަނޑުން ބްރެޒިލް މޮޅުވި މިމެޗުގައި މެލޯއަށް އަނިޔާވެފައި ވަނީ އޭނަގެ ކަނާ އަތު ފައިގެ ހުޅަށެވެ. އަދި އެ އަނިޔާއާ ގުޅިގެން އޭނަ ރޭގެ މެޗުގައި ދަނޑުން ބޭލި ވަގުތު ހުޅު ވަރަށް ބޮޑަށް ދުޅަވެފައިހުރިކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ރޭގެ މެޗުގައި މެލޯ ލިބުނު އަނިޔާގެ ސީރިޔަސް ކަން އަދި ނޭނގޭ އިރު ބްރެޒިލް ޓީމުގެ ބައެއް އިސްވެރިންނާ ހަވާލާދީ އެގައުމުގެ މީޑިއާތުގައި ރިޕޯޓްކޮށްފައި ވަނީ މެލޯއަށް ލިބުނު އަނިޔާއާ ގުޅިގެން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އޭނައަށް ކުޅެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތް ކަމަށެވެ.

މެލޯއަށް އަނިޔާވިއިރު، ބްރެޒިލްގެ ފޯވާޑް ނޭމާއަށް ވެސް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ މިފަހަރުގެ ސްކޮޑުން ބާކީ ކޮށްފައެވެ. ނޭމާއަށް އަނިޔާވީ ބުދަ ދުވަހު ގަތަރު އަދި ބްރެޒިލް ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗެއްގައެވެ. އެ މެޗުގައި ނޭމާ ފައިގެ ތަނބިކައްޓަށް ވަނީ އަނިޔާވެފައެވެ. ޕީއެސްޖީ އަށް ކުޅެމުން އަންނަ ފޯވާޑް ނޭމާއަށް ލިބުނު އަނިޔާއާއެކު ހަތަރު ހަފްތާއެއްހާ ދުވަސް ކުޅުމާ ދުރުގައި ހުންނަންޖެހޭނެކަން ކަށަވަރުވެފައި ވާކަމަށް ބްރެޒިލް ޓީމުން ވަނީ ބުނެފައެވެ.

ރޭގެ މެޗުގައި ހޮންޑިއުރަސް ކޮޅަށް ބްރެޒިލް ޓީމުން ޖެހި ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ދެ ލަނޑު ޖެހީ ގެބްރިއަލް ޖީސުސްއާއި ތިއާގޯ ސިލްވާއާއި ޕިލިޕޭ ކުޓީނިއޯ އާއި ޑޭވިޑް ނެރެސްއާއި ރޮބޭޓޯ ފިރްމީނިއޯ އަދި ރިކާލިސަން އެވެ.

މިއަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅީގައި ބްރެޒިލް ހިމެނޭއުރު، މުބާރާތް ހުޅުވަން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ބްރެޒިލް ނިކުންނާނީ ބޮލީވިއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ބްރެޒިލްގެ ސްޓާޑިއޯ ސްޓޭޑިއަމްގައެވެ.

މިމުބާރާތުގެ ތަށި އެންމެ ފަހުން ކަމިޔާބު ކުރީ ޗިލީއިންނެވެ. އެމެރިކާގައި 2016 ވަނަ އަހަރު ކުރިއަށްގެންދިޔަ މިމުބާރާތް ޗިލީއިން ކާމިޔާބު ކުރީ އާޖެންޓީނާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުންނެވެ.