ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހްގީގަށް ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީ މިއަދު ހައްޔަރު ކޮށްފިއެވެ.

ޕާކިސްތާނުގެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ބަލާ ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯގެ ތަރުޖަމާނު ނަވާޒިޝް އަލީވަނީ އެކަން މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ކުރީގެ ރައީސް ޒަރްދާނީ ހައްޔަރު ކުރެވުނީ، ފޭކް ބޭންކް އެކައުންޓްތަކުގެ މައްސަލަތަކާއި، އެތައް ބިލިއަން ރުޕީސްގެ މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ތަހްގީގަށެވެ.

ޒަރްދާރީ ހައްޔަރުކުރަން ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން މިދިޔަ ހަފްތާގައި އަމުރުކުރީ، މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ސުވާލުތަކަށް ޖަވާބުދެއްވުމަށް، އެ ބިއުރޯއަށް ހާޟިރުވުމަށް ތިން ފަހަރެއްގެ މަތިން އެންގުމުންވެސް ޒަރްދާރީ ހާޟިރުވެވަޑައި ގަތުމަށް އިންކާރު ކުރެއްވުމުންނެވެ.

ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީއަކީ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ލީޑަރެވެ. ކޮރަޕްޝަންގެ ތުހުމަތުތަކާ ޒަރްދާރީ އިންކާރު ކުރައްވާފައި ވާއިރު، ޕާޓީން ބުނެފައިވަނީ މިއީ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށް ބަޔަކު ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ.

ޒަރްދާރީއަކީ، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލެވުނު ބޭނަޒީރު ބުއްޓޫގެ ފިރިކަލުންވެސް މެއެވެ. އާސިފް އަލީ ޒަރްދާރީ ޕާކިސްތާނުގެ ރައީސްކަން ކުރައްވާފައިވަނީ 2008-2013 އަށެވެ.

ރައީސްކަމަށް ވަޑައިގަތުމުގެ ކުރިންވެސް، ކޮރަޕްޝަނާއި، މީހަކު މެރުމުގެ ތުހުމަތުގައި ޒަރްދާރީ 11 އަހަރު ޖަލުގައި ހޭދަކުރައްވާފައި ވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

މިފަހަރުގެ މައްސަލަތަކުގައި، ފޭކް ބޭންކް އެކައުންޓްތައް ހަދައިގެން ބޭރު ގައުމުތަކަށް ކަޅުފައިސާ ބޭރުކުރުމުގައި ޒަރްދާރީ ސީދާގޮތެއްގައި ބައިވެރިވެވަޑައި ގަންނަވާކަމަށް ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ތުހުމަތު ކުރެއެވެ.

މަނީ ލޯންޑަރިންގެ މައްސަލަތަކުގެ މުގުލުގައި ހުންނެވީ ޒަރްދާރީކަން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށްވެސް ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯގެ އޮފިޝަލުން މިދިޔަ ހަފްތާގައި، ޕާކިސްތާނު ހައި ކޯޓުގައި ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުން ގެންދަނީ 2016 ވަނަ އަހަރުން ފެށިގެން ކޮރަޕްޝަނާ ދެކޮޅަށް ވަރަށް ވަރުގަދަ ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގެ ދަށުން މިހާތަނަށް ސިޔާސީ އެތައް ފަރާތަކާއި، ވިޔަފާރިވެރިންނާއި، ކޮންޓްރެކްޓަރުންނާއި، އެނޫންވެސް މާލީ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ބައިވެރިވާ އެތައް ފަރާތެއް ހައްޔަރުކޮށްފައި ވެއެވެ.

މިމައްސަލަގަނޑުގައި 2017 ވަނަ އަހަރު ޕާކިސްތާނުގެ ސުޕްރީމް ކޯޓުންވަނީ، އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި ނަޒާވް ޝަރީފްގެ ބޮޑުވަޒީރުކަމުގެ ޝަރުތު ގެއްލިއްޖެކަމަށް ކަނޑައަޅައި އޭނާ މަގާމުންވެސް ދުރުކޮށްފައެވެ.

އޭގެފަހުން، ޕާކިސްތާނުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޯޓުން ނަވާޒް ޝަރީފް މައްޗަށް ޝަރީއަތް ހިންގައި، ކޯޓުންވަނީ ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށް ލާފައެވެ.