ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެކްސްކޯ އުވާލައި އިންޓަރިމް ކޮމެޓީއަކާ ހަވާލު ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ވީއޭއެމް އާއި ހަވާލު ވުމަށް ފަސް މެންބަރުންގެ އިންޓަރިމް ކޮމެޓީއެއް މިއަދު އެކުލަވާލައި އެ ކޮމެޓީ އާއި މަސައްކަތް ހަވާލުކޮށްފައެވެ.

ސްޕޯޓްސް ކޮމިޝަނަރ ހީނާ އަޙްމަދު ސަލީމް މިއަދުވަނީ ފަސް މެންބަރުންގެ ކޮމެޓީ އާއި ބައްދަލުވެސް ކޮށްފައެވެ. އަދި ކޮމެޓީގެ މަސައްކަތަކަށް ވެގެންދާނީ ވީއޭއެމް އާއި ގުޅޭގޮތުން ބެލެމުންދާ މައްސަލަތައް ބަލައި އާ އިންތިހާބަކަށް ގެންދިޔުން ކަމަށް ހީނާވަނީ ކޮމިޓީއަށް އަންގާފައެވެ.

ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީގައި ހިމެނެނީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އާމިރު އާއި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްޓަރީ ހުސައިން މުޙައްމަދު އާއި އޮލިމްޕިކް ކޮމެޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑް ބޯލް އެސޯސިއޭޝަންގެ ރައީސް އަޙްމަދު އިސްމާއީލްގެ އިތުރުން ކުޅިވަރާއި މިނިސްޓްރީގެ ދެބޭފުޅުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ދެދުވަހެއްގެ ތެރޭގައި އިންޓަރިމް ކޮމިޓީއިން ވީއޭއެމް އާއި ހަވާލުވުމަށް ވަނީ ނިންމާފައެވެ.

އިންޓަރިން ކޮމިޓީއިން ވިއޭއެމްގެ އާ އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު، އާ އަސާސީ ގަވައިދު އެކުލަވާލުމާއި އެހެންވެސް މުހިންމު ކަންކަން ކުރުމަށްވެސް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު މާޗުމަހު މުހައްމަދު ރިޔާޒް ތިންވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައި ވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން އިންތިހާބު ކެންސަލްކުރުމުން މިހާރުގެ ރައީސް މުޙައްމަދު ލަތީފް މަގާމާއި ހަވާލުވެފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، އެތަކެއް ފަހަރެއްގެ މަތިން އެސޯސިއޭޝަނުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް އިސްތިއުފާ ދީފައިވަނީ ލަތީފްގެ ލީޑަޝިޕަށް ފާޑުކިއުމަށް ފަހުއެވެ.