އަންނަ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވައިގެ އުދުހުންތަކުގެ އަގު ބޮޑުކުރަން އިންޑިއާއިން ނިންމައިފިއެވެ.

ވައިގެ އުދުހުންތަކުގެ އަގު ބޮޑުކުރަނީ، އިންޑިއާގެ އެތެރޭގެ އުދުހުންތަކާއި، ބޭރުގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ފީގެ ގޮތުގައި ނަގާ ފީ ބޮޑުކުރަން އިންޑިއާގެ މައި ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު އަމުރެއްގައި ވަނީ، އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އޭވިއޭޝަން ސެކިއުރިޓީ ފީގެގޮތުގައި 150 އިންޑިއަން ރުޕީސް ނެގުމަށެވެ. މިއީ، 2.14 އެމެރިކާ ޑޮލަރުގެ މިންވަރެވެ.

އެތެރޭގެ އުދުހުންތަކުގެ އިތުރުން، ބައިނަލްއަގްވާމީ ފަސިންޖަރުންގެ އަތުން ނަގާ، އޭވިއޭޝަން ސެކިއުރިޓީ ފީވެސް ޖުލައި 1 އިން ފެށިގެން ބޮޑުކުރުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އަމުރުގައި ވެއެވެ.

އެގޮތުން، ބައިނަލްއަގްވާމީ ފަސިންޖަރުންގެ އަތުން ނެގުމަށް އަންގާފައިވަނީ 4.85 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ އިންޑިއާ ރުޕީސްއެވެ.

މި ބަދަލާ ގުޅިގެން، ފަސިންޖަރ ސާރވިސް ފީގެ ސެކިއުރިޓީ ކޮމްޕޯނަންޓްގެ ގޮތުގައި އެތެރޭގެ އުދުހުންތަކަށް ގަންނަ ކޮންމެ ޓިކެޓަކާއެކު މިހާރު ނަގާ ފީގެ ބަދަލުގައި ދެން ނަގާނީ އޭވިއޭޝަން ސެކިއުރިޓީ ފީއެވެ.

އެތެރޭގެ އުދުހުންތަކުގައި ވިއްކާ ކޮންމެ ޓިކެޓަކަށް މިހާރު ނަގަނީ 130 އިންޑިއަން ރުޕީސްއެވެ. ބައިނަލްއަގްވާމީ ޓިކެޓަކަށް މިހާރު ނަގަނީ 3.25 އެމެރިކާ ޑޮލަރެވެ.

ނަމަވެސް، ޖުލައި 1 ގައި މި އަދަދުތައް ބޮޑުކުރުމުން އެތެރެއާއި ބޭރުގެ ދަތުރުގެ އަގުތަކަށްވެސް ބޮޑުވެގެންދާނެއެވެ.