މިއީ، ވީޑިއޯ ގޭމަށް ޝައުގުވެރިވާ ފަރާތްތަކަށް އުފާވެރި ޚަބަރެކެވެ. ޚާއްސަކޮށް، އެކްސްބޮކްސްއަށް ލޯބިކުރާ ފަރާތްތަކަށެވެ. އެކްސްބޮކްސް އުފައްދާ މައިކްރޯސޮފްޓް ކުންފުނިން މިވަނީ، މުޅީން އައު ގޭމް ކޮންސޯލްއެއް ބާޒާރަށް ނެރޭން ތައްޔާރުވަމުންދާ ޚަބަރު އިޢުލާނު ކޮށްފައެވެ. މި މަޝްރޫއަށް ކުންފުނީން ދީފައިވާ ނަމަކީ "ޕްރޮޖެކްޓް ސްކާލެޓް"އެވެ.

ނަމަވެސް، އެކްސްބޮކްސްގެ އައު ގޭމް ކޮންސޯލްއެއްގެ އިންތިޒާރުގައި ތިބި ކުޅުންތެރީންނަށް ކުރިއަށް އޮތީ ދިގު އިންތިޒާރެކެވެ. މައިކްރޯސޮފްޓްއިން ބުނީ، މި އައު ގޭމް ކޮންސޯލް ބާޒާރަށް ނެރޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އައު ގޭމް ކޮންސޯލްއަކީ، އެންމެ ފަހުން ނެރުނު އެކްސްބޮކްސް އެކްސް ވަން އަށްވުރެ 4 ގުނަ ހަލުވި ސްޕީޑެއްގެ އެއްޗެކެވެ. އަދި، މިއީ މެމޮރީއާއި ވީޑިއޯ ރިޒޮލޫޝަންއަށް ބަލާއިރުވެސް، ކުރީގެ މޮޑެލްތަކަށްވުރެ މަތީ ފެންވަރެއްގެ އެއްޗެއް ކަމަށް މައިކްރޯސޮފްޓްއިން ބުންޏެވެ.

"ގޭމް ކޮންސޯލްއަކީ އެންމެ ބޭނުމެއްގައި ތައްޔާރުކުރާ އެއްޗެއް. އެއީ ގޭމު ކުޅުން. 'ޕްރޮޖެކްޓް ސްކާލެޓް' އާ ބެހޭގޮތުން ބުނެވެން އޮތީ މިއީ ގޭމު ކުޅުމަށް ވަރަށް ޚާއްސަ އެއްޗެއްކަން،" މައިކްރޯސޮފްޓް ކުންފުނީގެ ގޭމިންގްއާބެހޭ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ފިލް ސްޕެންސަރ ބުންޏެވެ. މީގެ މާނައަކީ، ގޭމުތައް ލޯޑުވާން ނަގާ ސްޕީޑް އަވަސްވާނެކަން ކަމަށް މިކަމާއިބެހޭ މާހިރުން ބުނެއެވެ.

މައިކްރޯސޮފްޓް ކުންފުނީގެ އެކްސްބޮކްސް ކޮންސޯލްއެއް އެންމެ ފަހުން ބާޒާރަށް ނެރެފައިވަނީ 2013 ވަނަ އަހަރުއެވެ. ގޭމް ކޮންސޯލް އުފެއްދުމުގައި މައިކްރޯސޮފްޓްއާއި އެންމެ ވާދަވެރި ކުންފުންޏަކީ "ޕްލޭސްޓޭޝަން" ގޭމް ކޮންސޯލް އުފައްދާ ސޮނީ ކުންފުންޏެވެ. ސޮނީއިން އެންމެ ފަހުން ބާޒާރަށް ނެރެފައިވަނީ ޕްލޭސްޓޭޝަން 4 އެވެ. ނަމަވެސް، ކުރިއަށް އޮތް "2019 އީ3 ގޭމިންގ ކޮންފަރެންސް" ގައި ބައިވެރި ނުވާނެ ކަމަށް ސޮނީއިންވަނީ ބުނެފައެވެ.