އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ފޯ ސީޒަންސް ރެސްޓޯރެންޓްއަކީ އެތައް ގޮތަކުން މަޝްހޫރުކަން ހޯދާފައިވާ ތަނެކެވެ. މިތަނަށް 60 އަހަރު ވެފައިވާއިރު، މިއީ ވަރަށް ގިނަ ބަޔެއްގެ މެދުގައި މަގްބޫލް ތަނެކެވެ. ޚާއްސަކޮށް، މެންދުރުގެ ނާސްތާގެ ވަގުތުގައެވެ. މެންދުރުގެ ނާސްތާއަށް މި ރެސްޓޯރެންޓުން ޖާގައެއް ހޯދުމަކީ، ދުރާލައި ނޫޅެއްޖެނަމަ ކުރެވޭނެ ކަމެއް ނޫނެވެ.

މެންދުރުގެ ނާސްތާގެ ވަގުތަކީ، މިތަން ފުރި ބާރުވެފައި އޮންނަ ވަގުތެކެވެ. މިތަނުން ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ވިޔަފާރިވެރިންނާއި، ލިޔުންތެރީންނާއި، ފިލްމު ޕްރޮޑިއުސަރުން ފަދަ މަޝްހޫރު މީހުންނެވެ. މިއީ، ބޮޑެތި ވިޔަފާރީގެ ބައްދަލުވުންތައް ބޭއްވުމަށް އެންމެ ކަމުދާ އެއް ތަނެވެ. ނަމަވެސް، 60 އަހަރަށްފަހު، މި ރެސްޓޯރެންޓް މިވަނީ ބަންދުކޮށްފައެވެ. މިއަދުގެ މެންދުރުގެ ނާސްތާއަށްފަހު، މިރެސްޓޯރެންޓް މިވަނީ ރަސްމީކޮށް ބަންދުކޮށްފައެވެ.

މިފަދަ މަޝްހޫރު ރެސްޓޯރެންޓްއެއް ބަންދުކުރާން ޖެހުނު ސަބަބަކީ ކޮބައިބާއެވެ؟ ފޯ ސީޒަންސްގެ މެނޭޖިންގް ޕާޓްނަރ އެލެކްސް ވޮން ބިޑަރ ބުނީ، މި ރެސްޓޯރެންޓް ބަންދުކުރާން ޖެހުނީ، ކަސްޓަމަރުންގެ މެދުގައި މިތަނަށް އޮތް ލޯބި ފަނޑުވުމުގެ ސަބަބުން ކަމަށެވެ. މިއީ، ކުރީން ވަރަށް މަގްބޫލުކަން ހޯދާފައިވާ ރެސްޓޯރެންޓެއް ނަމަވެސް، މިތަނަށް އޮތް ލޯބި މިހާރު ނެތްކަމަށް އޭނާ ބުންޏެވެ.

މިތަނަށް އޮތް މަގްބޫލުކަން ގެއްލޭން ފެށީ 2016 ވަނަ އަހަރާއި ހިސާބުން ފެށިގެންނެވެ. އެއް ސަބަބަކީ، މި ރެސްޓޯރެންޓް ހިންގަމުންދިޔަ ޕާކް އެވެނިއުގެ ސީގްރާމް ބިލްޑިންގް ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމެވެ. އަދި، އެއާއިއެކު ރެސްޓޯރެންޓް އެހެން ތަނަކަށް ބަދަލުކުރާން ޖެހުނެއެވެ. ބަންދުކޮށްފައި އޮތުމަށްފަހު، 30 މިލިއަން ރުފިޔާ ޚަރަދުކޮށް، މި ރެސްޓޯރެންޓް އެހެން އިމާރާތަކަށް ބަދަލުކުރެވުނީ އޭގެ 2 އަހަރު ފަހުންނެވެ.

ނަމަވެސް، ރެސްޓޯރެންޓް ބަންދުކޮށްފައި އޮތް 2 އަހަރު ވެގެންދިޔައީ، ރެސްޓޯރެންޓްގެ ވެއްޓުމަށެވެ. އެ 2 އަހަރުގެ ތެރޭގައި މި ރެސްޓޯރެންޓަށް އެންމެ ލޯބިކުރި ކަސްޓަމަރުންތައް ގެއްލުނެވެ. "މިތަނުގެ މަޝްހޫރު ކަސްޓަމަރުންނަކީ، ހަފްތާއަކު 2 ނުވަތަ 3 ފަހަރު މިތަނަށް ޒިޔާރަތް ކުރި ބައެއް. ނަމަވެސް، ރެސްޓޯރެންޓް ބަންދުކޮށްފައި އޮތް 2 އަހަރުގެ ތެެރޭގައި އެ ކަސްޓަމަރުން، އެހެން ރެސްޓޯރެންޓްތައް އިޚްތިޔާރު ކުރާން ޖެހުމުން، މިތަނަށް އޮތް ލޯބި ގެއްލުނީ،" ވޮން ބިޑަރ ބުންޏެވެ.