ޒަމާނާއި ހާލަތަށް އައިސްފައިވާ ބަދަލުގައި މިއަދު ދިވެހި ކުޑަކުދިންނަށް ބަސް އުނގަންނައި ދިނުންވެސް ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. ސަބަބަކަށްވީ ވަށައިގެންވާ މާހައުލަށް އަންނަމުންދިޔަ ބަދަލާއި އެކު ޑިޖިޓަލް ޒަމާނަކަށް ދުނިޔެ ހޭލައިގެން ބާރު ސްޕީޑުގައި ކުރިއަރައިގެން ދާއިރު އެއާއި އެއްމިންވަރަށް ދިވެހިންނަށް ފައި ހަމަ ނުކުރެވުމެވެ.

ނަތީޖާއަކީ، ދިވެހިބަހާއި ދިވެހި ކުޑަކުދިން ބީރައްޓެހި ވުމެވެ. ކޮމްޕިއުޓަރާއި ޓެބްލެޓްގެ ޑިޖިޓަލް ޒަމާނުގައި އެ ވަސީލަތްތަކުގެ ތެރޭގައި ދިވެހި ކުޑަކުދިން ރޭދުވާ ހޭދަކުރާއިރު، ދިވެހިބަސް އުނގެނުމާއި އުނގަންނައި ދިނުމަށް އެތަކެތީގެ ބޭނުމެއް ނުހިފެއެވެ. މިކަން ބަދަލުކުރުމަށް ނުކުތީ ޒުވާން އާސިލްސްގެ ޓީމެވެ. އެޓީމުން މިހާރުވަނީ ހާށަވިޔަނި އެޕެއް ދިވެހި ކުޑަކުދިންނަށްޓަކައި ދޫކޮށްލާފައެެވެ.

"ގޭމެއްގެ ތެރެއިން ކުޑަކުދިން އަކުރު އުނގެނުމަށް މަގުފަހިކޮށް ތައްޔާރު ކުރި އެޕެއް މި އެޕަކީ. ގޫގުލް ސްޓޯރ އިން މިއެޕް މިހާރު ޑައުންލޯޑް ކުރެވޭނެ. އަދި ފީޑްބެކަށް ބަލާފައި އިތުރު އަޕްޑޭޓްތައް ގެންނާނަން." އާސިލްސްގެ ޒުވާން މެނޭޖިންގ ޑައިރެކްޓަރ ހުސައިން ޝާފިޢު ވިދާޅުވިއެވެ.