ރާއްޖެގެ ސްކޫލުތަކުގައި ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ހުރިހާ ސްކޫލެއްގައި ރަސްމީކޮށް ފަށައިފި އެވެ.

މި ހަރަކާތް ހުރިހާ ސްކޫލެއްގައި ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ތާޖުއްދީން ސްކޫލުގައި ބެއްވި ހާއްސަ ރަސްމިއްތް ޝަރަފުވެރިކޮށްދެއްވާ މި ހަރަކާތް ފައްޓަވައި ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. އަދި މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ހެނދުނުގެ ނާސްތާއަކި ކޮންމެ އިންސާނަކަސްވެސް ދުވާލުގެ އެންމެ މުހިންމު ކެއުން ކަމަށް ދިރަސާތަކުން ދައްކާއިރު ސްކޫލުތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިސަރުކާރުން ވަނީ ސުކޫލުތަކުގެ މިއަހަރުގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަހު ރާއްޖޭގެ 25 ސްކޫލެއްގައި މިކަމުގެ ޕައިލެޓު ޕްރޮގްރާމެއް ފައްޓާފަ އެވެ. މިގޮތުން މި ޕްރޮގްރާމް ފުރަތަމަ ފަށާފައިވަނީ މާލެއިން ފަސް ސްކޫލް އަދި ކޮންމެ އަތޮޅަކުން އެއް ސްކޫލެއްގަ އެވެ. މި ޕްރޮގްރާމު އިފްތިތާހު ކުރުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ވެސް މީގެކުރިން ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

ސުކޫލު ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ ހަރަކާތްތައް ފަށާފައިވާއިރު މިއީ ވަރަށް ދުރާލާ ރޭވިގެން ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުގެވެސް ފުރިހަމަ އެހީތެރިކަމަާ އެކު ފަށާފައިވާ މަސައްކަތެއްކަން ފާހަގަކުރެވެ އެވެ. އެގޮތުން ނިމިދިޔަ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ ބަޖެޓާއި ގުޅޭގޮތުން ދިރާސާ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ފަށާފަ އެވެ. އަދި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދިނުމުގެ ޕައިލެޓް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފެށި ސްކޫލްތަކަށް، ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަށާފަ އެވެ. މިކަމާ ގުޅޭ މައުލޫމާތު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދުރާލާ ބެލެނެވެރިންނާ ވެސް ހިއްސާކޮށްފަ އެވެ.