ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް، ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން މަހަކު 3 ލައްކަ ފަންސާސްހާސް ރުފިޔާ ޚަރަދުކުރާކަން އެނގިވަޑަައިގަންނަވާތޯ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ސުވާލުކުރައްވައިފިއެވެ.

ކުރީގެ މެންބަރު އަލީ ނިޒާރު މި ސުވާލުކުރައްވާފައިވަނީ ނާއިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވާލަންކަމަށް ވިދާޅުވެ މެންބަރު ސަލީމް އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ސަލީމް ވިދާޅުވީ މި ދެ ބިލް ފާސްކޮށް ތަސްދީގުކުރުމަށް ރައީސްގެ އަރިހަށް ފޮނުވުމަކީ ކުރީގެ މަޖިލީހުން ހިންގާފައިވާ އެންމެ ޒިންމާދާރުކަން ކުޑަ އަމަލުކަމަށާ މިއީ ދައުލަތް ލޫޓުވާލަން ހިންގާފައިވާ އަމަލެއްކަމަށެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން ބޮޑު އިނާޔަތެއްދޭ މައްސަލާގައި ކުރިންވެސް ވަރަށް ބޮޑަށް ވާހަކަދައްކަވާފައިވާ މެންބަރު ނިޒާރު ވަނީ ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން މަހަކު 3 ލައްކަ ފަންސާސްހާސް ރުފިޔާ ގާތްކުރާ އަދަދަކަށް ޚަރަދުކުރާކަން ސަލީމަށް އެނގިލައްވާތޯ ސުވާލުކުރައްވާފައެވެ.

އަދި އެއީ ގިނަ އަދަދެއްކަމަށް މެންބަރު ސަލީމަށް އިހުސާސްނުކުރެވޭނަމަ، ސަލީމް ވިދާޅުވި ވާހަކަތަކަކީ ސިޔާސީ އަންބޮޑިއަށް އިތުރުކޮށްލި ބަސްކޮޅެއްކަމަށް ވިދާޅުވެ ނިޒާރު ވަނީ ސަލީމަށް ފާޑުވިދާޅުވެފައެވެ.