ރާއްޖޭގެ އިގްތިސޯދަށް މިއަހަރު ބޮޑެތި ކުރިއެރުނަތްކެއް ލިބިގެންދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ތެރޭގައި ރާއްޖޭގެ މައިގަނޑު ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބި މި ދެދާއިރާގައިވެސް އިންވެސްތްމަންޓުތައް އިތުރުވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓް ވަރަށް މަތި ކަމަށާއި ގައުމުގެ ދަރަނި ވަރަށް ބޮޑުކަން އައިއެމްއެފުން ވަނީ ފާހަގަކޮށްފަ އެވެ.

އައިއެމްއެފުން ބުނީ މިއަހަރު ރާއްޖެއަށް ގިނަ އިންވެސްޓްމަންޓުތަކެއް ލިބި އިގްތިސޯދީ ކުރިއެރުން ލިބުނު ކަމުގައިވިޔަސް ނިމިިދޔަ އަހަރާ އަޅާބަލާއިރު އިގްތިސޯދީ ކުރިއެރުން ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އިގްތިސޯދީ ކުރިއރުން 7.5 އިންސައްތަގައި ހުރި އިރު މިއަހަރު ކުރިއެރުން ހުންނާނީ 6.5 އިންސައްތައިގައި ކަމަށް ބެލެވޭ ކަމަށްވެސް އައިއެމްއެފުން ވަނީ ބުނެފަ އެވެ.

އައިއެމްއެފުން ބުނީ ރާއްޖޭގައި އާ ސަރުކާރުން ފަށާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއެކު ކަރަންޓު އެކައުންޓުގެ ޑެފިސިޓް ކުޑަ ކުރެވޭނެ ކަމަށެވެ. އަދި ޓެކްސްގެ ނިޒާމު އިސްލާހުކޮށް ކަނޑައަޅާ އާ އުސޫލުތަކާއެކު ދަރަންޏަށް ލުޔެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންނަމަވެސް އާ ސަރުކާރުގެ ސިޔާސަތުތަކާއެކު ވެސް ހަރަދުތައް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް އައިއެމްއެފުން ވަނީ ބުނެ އެވެ.

އައިއެމްއެފް އިން ވަނީ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަކީ ދަރަނި ކުޑަ ކުރުމުގެ ރަނގަޅު ވިސްނުމެއް ކަމަށް ބުނެ އެކަމަށް ތައުރީފުކޮށްފަ އެވެ. އައިއެމްއެފް އިން ވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ވެސް ސަރުކާރަށް ލަފާ އަރުވާފަ އެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުން ހިންގާ މަޝްރުތަކާއި ކުރާ މަސައްކަތްތައް މިހާރަށްވުރެ ދެެފުށްފެންން ގޮތެއްގައި ކޮށް ވީހާވެސް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިނުވާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމަށް އައިއެމްއެފް އިން ވަނީ ގޮވާލާފަ އެވެ.