އުރީދޫ މޯލްޑިވްސް އިން އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމުގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ކަލަ ރަން ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންޖެހޭނީ އުރީދޫގެ އޮންލައިން ޕޯޓަލް http://ore.do/colorrun މެދުވެރިކޮށެވެ.

ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ އުރީދޫ ކަލަ ރަންގައި ބައިވެރިވާ މީހުންނަށް ދެ ކިޓެއް އުރީދޫން ވަނީ ހުށަހަޅާފަ އެވެ. އެއީ 85 ރުފިޔާގެ ސްޓޭންޑާޑް ކިޓަކާއި އަދި 150 ރުފިޔާއަށް ލިބޭ ފަން ކިޓެއް ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ. ސްޓޭންޑާޑް ކިޓުގައި ހިމެނެނީ ކަލަ ރަން ޓީޝާޓު އެކަންޏެވެ. އަދި ފަން ކިޓުގައި ޓީޝާޓުގެ އިތުރުން އަތުގައި އަޅާ ބޭންޑަކާއި ބޮލުގައި އަޅާ ތޮފި އަދި ފޮތި ދަބަހެއް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ. އަދި މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވުމަށްފަހު ވަރަށް ޚާއްސަ އިނާމުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

އުރީދޫން ބުނީ އެކުންފުނީގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ހަރަކާތެއް ކަން އަންގައިދިނުން ކަމަށެވެ. އަދި އަހަރުން އަހަރަށް މިދުވުމުގެ މަގުބޫލުކަން އިތުރުވެ، ކަލަ ރަންގައި ވަނީ ރިކޯޑު އަދަދެއްގެ ދުވުންތެރިން ބައިވެރިވެފައި ކަމަށްވެސް އުރީދޫން ވަނީ ބުނެފަ އެވެ.