ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ މިއަހަރުގެ ސަމިޓް މިއަދު ފަށައިފި އެވެ.

މި ސަމިޓް ފަށާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ފަށާފައިވަނީ "ޓްރެވެލް ޓެކްނޮލޮޖީ އެންޑް އެނަލިޓިކްސް" މި ޝިއާރުގެ ދަށުންނެވެ.

މި ސަމިޓުގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުން އަދި މީޑިއާގެ ފަރާތްތަކުން ބައިވެރިވާނެ އެވެ. އެގޮތުން 200 އަށް ވުރެ ގިނަަ ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުންނާއި 140 އަށް ވުރެ ގިނަ ރިސޯޓް ތަކުގެ އޮފިޝަލުން ބައިވެރިވެ އެވެ.

މިއަހަރުގެ ސަމިޓުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.

މި ސަމިޓު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މިސަމިޓުގެ ތެރެއިން ޕްރީ ޝެޑިއުލް މީޓިންތަކާއި، ގާލާ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. ކުރިއަށް އޮތް ދެ ދުވަހަށް 3000 އަށް ވުރެ ގިނަ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި ރާއްޖެއަށް ޓޫރިސްޓުން އެތެރެކޮށްދިނުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވާ 20 ކުންފުންޏަކަށް މިސަމިޓުގައި އެވޯޑް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިއަހަރުގެ މި ސަމިޓު ސްޕޮންސާ ކޮށްފައިވަނީ އުރީދޫ މޯލްޑިވްސްގެ ފަރާތުންނެވެ.

ސަމިޓުގައި މާދަމާ ކުރިއަށްދާނީ ގެސްޓް ހައުސްތަކާއި، ރިސޯޓްތަކުގެ އިސް ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. މިބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ދަރުބާރުގޭގަ އެެވެ. ގާލާ ނައިޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ ސަމިޓުގެ ތިންވަނަ ދުވަހު އެވެ.