މިދިޔަ ހަފްތާގައި ވީނުވީއެއް ނޭނގި ގެއްލުނު އިންޑިއަން އެއަރފޯސްގެ އަސްކަރީ މަތިންދާބޯޓް ވެއްޓިފައިވާ ސަރަހައްދު ހޯދައިފިއެވެ.

މަތިންދާ ބޯޓް ވެއްޓިފައިވާ ސަރަހައްދު ފެނުނީ، އެ ބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އިންޑިއާ ވައިގެ ސިފައިންގެ ހެލިކޮޕްޓަރަކަށެވެ.

އިންޑިއާ އަސްކަރިއްޔާގެ އޭއެން-32 މަރުކާގެ އަސްކަރީ މަތިންދާ ބޯޓް ގެއްލުނީ، ޗައިނާއާ އިންވެގެން އޮންނަ އިންޑިއާގެ ފަރުބަދަމަތީ ސަރަހައްދަކުން އުދުހިފައި ދަނިކޮށެވެ.

މިބޯޓަކީ، އަސްކަރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމަށް ބޭނުންކުރާ މަތިންދާ ބޯޓެކެވެ.

ބޯޓް ވެއްޓިފައިވާ ސަރަހައްދު ފެނުނީ، އަރުންޗާލް ޕްރަދޭޝް ސްޓޭޓްގެ ލިޕޯ އަވަށުގެ އުތުރުން، 16 ކިލޯމީޓަރު ދުރު ހިސާބަކުން ކަމަށް އިންޑިއާ ވައިގެ ސިފައިން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

"އެ ސަރަހައްދުގެ ހާލަތާއި އަދި ދިރިހުރި އެއްވެސް މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް މިހާރު މިގެންދަނީ ކުރަމުން" ޓްވީޓްގައި ބުނެފައި ވެއެވެ.

އަސްކަރީ މަތިންދާ ބޯޓް މި ޖޫންމަހުގެ 3 ވަނަ ދުވަހު ރާޑަރުން ގެއްލުނީ، އަރުންޗާލް ޕްރަދޭޝްގެ މެންޗުކާއަށް ދިއުމަށްޓަކައި، އާސާމް ސްޓޭޓްގެ އިރުމަތީ އަވަށެއް ކަމަށްވާ ޖޯރްހަޓްއިން ފުރައިގެން ދަނިކޮށެވެ.

ބޯޓު ގެއްލުނުއިރު، އޭގައި ފަސް ފަސިންޖަރުންނާއި، އަށް ކްރޫ މެމްބަރުން ތިއްބެވެ.

އަރުންޗާލް ޕްރަދޭޝްގެ އޮފިޝަލެއް ކަމަށްވާ މިޓޯ ޑިރްޗީ ވިދާޅުވީ، ބޯޓް ވެއްޓުފައިވާ ސަރަހައްދަކީ، ބޯޓު ރާޑަރުންވެސް ގެއްލުނު ހިސާބާ ގާތުގެ ސަރަހައްދެއް ކަމަށެވެ.