އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގައި މީހެއްގެ ބޮލަށް ހޮނު އެޅުމުގެ ސަބަބުން އޭނާ މަރުވެއްޖެއެވެ.

45 އަހަރުގެ މިމީހާގެ ބޮލަށް ހޮނު އަޅާފައިވަނީ ފްލޮރިޑާގެ ހައިވޭއެއް ކަމަށްވާ އިންޓަރސްޓޭޓް 95 ގައި ސައިކަލެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ. ހޮނު އެޅި ވަގުތު އޭނާ އިނީ ހެލްމެޓެއްވެސް އަޅައިގެންނެވެ.

ހޮނު އެޅުމުގެ ސަބަބުން އޭނާވަނީ ވިއްސައިގެން ގޮސްފައި ކަމަށް، ފްލޮރިޑާގެ ފުލުހުން ބުންޏެވެ.

ފްލޮރިޑާ ހައިވޭ ޕެޓްރޯލްއިން ޝާއިއުކުރި ފޮޓޯއަކުން ފެންނަ ގޮތުގައި، އޭނާ އަޅައިގެން އިން ހެލްމެޓްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި، އޭނާ ހަމަ އެ ވަގުތު މަރުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފްލޮރިޑާއަކީ ވަރަށް ގިނައިން ހޮނުއަޅާ ސަރަހައްދެކެވެ. އެމެރިކާގެ ސްޓޭޓްތަކަށް ބަލާއިރު، ހޮނު އެޅުމުގެ ސަބަބުން މީހުންނަށް އަނިޔާވާ މިންވަރުވެސް އެންމެ މަތީ ފްލޮރިޑާގައެވެ. ތަފާސްހިސާބުތަކަށް ބަލައިލާއިރު، 2008 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު ހޮނު އެޅުމުގެ ސަބަބުން ފްލޮރިޑާގައި މަރުވި މީހުންގެ އަދަދު 47 އަށް އަރައެވެ.