މިއީ، އޮސްޓްރޭލިއާގެ ރަށެއް ކަމަށްވާ ޕަރތްގައިވާ އެންމެ ގިނަ މީހުން "އިންސްޓަގްރާމް" ކޮށްފައިވާ ފޮޓޯއިން ފެންނަ އިމާރާތެވެ. މި ކުޑަކުޑަ "ހަރުގެ" އަކީ، ފަތުރުވެރީންނަށް ޚާއްސަކޮށްފައިވާ ތަނެއް ނޫނެވެ. އަދި، މިއީ ތަރިކައެއްގެ ގޮތުގައި ބަލާވެސް ތަނެއް ނޫނެވެ. ނަމަވެސް، މިއީ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ޕަރތްގައިވާ އެންމެ މަޝްހޫރު ބިނާއެވެ.

މި ކުޑަކުޑަ ނޫކުލައިގެ ހަރުގެ ހުންނަނީ ޕަރތްގެ އެންމެ ކާރޫބާރުބޮޑު އެއް މަގު ކަމަށްވާ މައުންޓްސް ބެއި ރޯޑްގެ ކައިރީގައިވާ ކޯރެއް ކަމަށްވާ ސްވޯން ރިވަރގެ އައްސޭރިފަށުގައެވެ. މިތަނުގެ ނަމަކީ ކްރޯލީ އެޖް ބޯޓް ޝެޑްއެވެ. މައުންޓްސް ބެއި ރޯޑް ބޭނުންކުރާ ފަރާތްތަކުގެ އަދަދަށް ބަލައިލާއިރު، ކުރީން މިއީ އެއްވެސް މީހެއްގެ ލޮލުގައި އަޅައިގަނެފައިވާ އިމާރާތެއް ނޫނެވެ.

ނަމަވެސް، އިންސްޓަގްރާމްގެ ޒަމާނާއެކު، މިހަރުގެއަކީ ޕަރތްގެ އެންމެ މުހިއްމު އެއް ބިނާއަށް މިހާރު މިވަނީ ބަދަލުވެފައެވެ. މިތަނުގެ ފޮޓޯ ނެގުމަށް ގިނަ އަދަދެއްގެ ބަޔަކު މިތަނަށް ޖަމާވެއެވެ. ނަމަވެސް، އެ ސަރަހައްދަކީ، ފަތުރުވެރީންނަށް ޚާއްސަކޮށްފައިވާ ސަރަހައްދަކަށް ނުވާތީ، ފަތުރުވެރީންނަށް ބޭނުންވާނެ އެއްވެސް ވަސީލަތްތަކެއް އެތަނުގައި ގާއިމްކޮށްފައެއް ނުވެއެވެ. ކުޑަމިނުން، އާންމު ފާޚާނާ ބަރިއެއްވެސް އެ ސަރަހައްދުގައި ނުހުރެއެވެ.

އެހެންކަމުން، ޕަރގްގެ ސިޓީ ކައުންސިލުން މިވަނީ މިކަމަށް ހައްލެއް ހޯދައިދޭން ނިންމާފައެވެ. "ކްރޯލީ އެޖް ބޯޓް ޝެޑް މިވަނީ ފަތުރުވެރީންގެ މެދުގައި މަޤްބޫލް މަންޒިލަކަށް ބަދަލުވެފައި. މިތަނަށް ފަތުރުވެރީން ޒިޔާރަތް ކުރުމަށް މިހާރު ޚާއްސަ ބަސްތަކެއްގެ ޚިދުމަތްވެސް ވަނީ ފަށާފައި،" ސިޓީ ކައުންސިލުން ބުންޏެވެ.

ކްރޯލީ އެޖް ބޯޓް ޝެޑްއާއި އެންމެ ކައިރީގައި ހުންނަ ފާޚާނާ ހުންނަނީ 2.4 ކިލޯމީޓަރު ދުރުގައިވާ ނެރޯ ގާޑްންސް ކިޔާ ސަރަހައްދެއްގައެވެ. އެހެންކަމުން، މިތަނުގައި ފާޚާނާ ބަރިއެއް އެޅުމުގެ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. މި ފާޚާނާ ބަރި ވެގެންދާނީ އާދައިގެ ތަނަކަށް ނޫނެވެ. ސަބަބަކީ، މި ފާޚާނާ ބަރި އެޅުމަށް 278،000 އެމެރިކާ ޑޮލަރު ޚަރަދުކުރާން ޕަރތްގެ ސިޓީ ކައުންސިލުން ނިންމާފައިވާތީއެވެ.

މި ފާޚާނާ ބަރިއަށް ކަރަންޓު ފޯރުކޮށްދޭނީ އިރުގެ އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެންނެވެ. މިތަން ބެލެހެއްޓުމަށް އަހަރެއްގެ މައްޗަށް 20،000 އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ސިޓީ ކައުންސިލުން އަންދާޒާކުރެއެވެ. މިތަން ވެގެންދަނީ، ޕަރތްގައިވާ ސޯލާ ޕެނަލްއިން ކަރަންޓު ލިއްބައިދޭ އެންމެ ފުރަތަމަ ފާޚާނާ ބަރިއަށެވެ.