މަޝްހޫރު ފެންޓަސީ ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" (ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ "ގޮޓް") ނިމިއްޖެއެވެ. އެތައް މިލިއަން ފޭނުންނެއް ހިތްދަތިކޮށްލުމަށް ފަހުއެވެ. ސީރީޒްގެ ނިމުން އައި ގޮތުންނެވެ. މި ސީރީޒްގެ އަވައިގައި ޖެހިފައިވާ މީހުން ހީނުކުރާ ގޮތަކަށެވެ. ނަމަވެސް، މިފިލްމު ބިނާކޮށްފައިވާ "އަ ސޯންގް އޮފް އައިސް އެންޑް ފަޔަރ" ވާހަކަ ފޮތްތައް އަދިވެސް ލިޔެ ނުނިމެއެވެ. މިއީ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ.

ނަމަވެސް، ހިތްހަމަ ޖައްސާލައިގެން ތިބެވޭކަށް ނެތެވެ. އިންތިޒާރު ދިގުލާގޮތް މިވަނީ ވެފައެވެ. މި ވާހަކައިގެ ލިޔުންތެރިއާ ޖޯޖް އާރް.އާރް. މާޓިން މިވަނީ ފެންޓަސީ ގޭމެއް އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ. "އަ ސޯންގް އޮފް އައިސް އެންޑް ފަޔަރ" ގެ ފަހު 2 ބައިގެ އިންތިޒާރުގައި ތިބި ފޭނުންގެ ހިތްތައް ކަތިލާފައެވެ.

"ގޭމް އޮފް ތްރޯންސް" ސީރީޒްގެ ފަހުބައި ނިމޭންދެން، މާޓިން އޭނާގެ ފޮތްތައް ލިޔުމުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ބުނެ، ގިނަ ބަޔެއްގެ ނުރުހުން މީގެކުރީންވެސް އޭނާއަށްވަނީ ރައްދުވެފައެވެ. "ފޮތްތައް ނެރުން ލަސްކުރާނެ އިތުރު ގޮތެއް ދެން ނެތްތަ؟،" މިކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުން މީހަކު ޓްވިޓަރގައި ލިޔުނެވެ.

ނަމަވެސް، މާޓިން ބުނީ "އަ ސޯންގް އޮފް އައިސް އެންޑް ފަޔަރ" ގެ ފަހު 2 ބައި ކަމަށްވާ "ދަ ވިންޑްސް އޮފް ވިންޓަރ" އަދި "އަ ޑްރީމް އޮފް ސްޕްރިންގް" ގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދާ ކަމަށެވެ. ގިނަ ދުވަސްތަކެއް ނުވެ، މި ފޮތްތައް ކިޔުންތެރީންގެ އަތްމައްޗަށް ލިބޭނެ ކަމުގެ އުންމީދު އޭނާ އައުކޮށްދިނެވެ.

ނަމަވެސް، ކުރިއަށް އޮތީ ފެންޓަސީ ގޭމެއް ތައްޔާރު ކުރުމުގެ މަސައްކަތެވެ. "އެލްޑެން ރިންގް" ގެ ނަމުގައި ތައްޔާރު ކުރަމުންދާ މިގޭމުގެ މަޢުލޫމާތު އާންމުކޮށްފައިވަނީ މައިކްރޯސޮފްޓްގެ އީތްރީ އެކްސްޕޯގައެވެ. ފްރޮމްސޮފްޓްވެއަރ އަދި ބެންޑައި ނެމްކޯ އެންޓަޓެއިންމެންޓް ގުޅިގެން ތައްޔާރުކުރާ މި ގޭމުގައި މާޓިން އަދާކުރަނީ ކޮންސަލްޓެންޓެއްގެ ރޯލެވެ.