ލިކަމެކް ކުންފުނިން ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މޭޒު ދޫކުރަން މިއަދު ފަށައިފި އެވެ.

މިނައިޓް މާކެޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ އޯގަސްޓް މަހުގެ 29 އިން ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ނައިޓްމާކެޓަށް މިއަދު މޭޒު ދޫކުރަން ފަށާފައިވާއިރު ލިކަމެކް ކުންފުނީގެ ސީއީއޯ ހަސަން ނަބީލް (ލަބީ) ވިދާޅުވީ މިއަދު މޭޒު ދޫކުރަން ފެށުމާ އެކު ވަރަށް ގިނަ ބަޔަކު މޭޒު ނަގަން އައި ކަމަށެވެ.

މޭޒު ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ޖެހިއިރު އެވެ. ނައިޓްމާކެޓްގައި 6 މީޓަރުގެ 450 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލިކަމެކް ކުންފުނިން ބުނީ މާލެއިންނަމަ ޝީބިލްޑިން ތިންވަނަ ފަނގިފިލާ އިން އަދި ހުޅުމާލެއިންނަމަ ކޮމިއުނިޓީ ސެންޓަރުން މޭޒު ގަންނަން ލިބޭނެ ކަމަށެވެ.

ނަބީލް ވިދާޅުވީ ނައިޓް މާކެޓަށް ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ހުޅުމާލޭގައި ބާއްވާ ނައިޓް މާކެޓަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ތަފާތު ނައިޓްމާކެޓެއް ވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ނައިޓްމާކެޓަށް ވިޔަފާރިވެރިންނަށް ހުޅުމާލެއަށް ހިލޭ މުދާ ގެންދިއުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައި ވާނެ ކަމަށާ އެގޮތުން ވިޔަފާރިވެރިން މުދާ ގެންދިއުމަށް 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް މާލެ އިން ހުޅުމާލެއަށް ބާއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރަށް ނައިޓް މާކެޓުން މުދާ ގަންނަ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށް ނަބީލް ވިދާޅުވި އެވެ. އެގޮތުން ރަށުން ސީދާ ލޯންޗުގައި ހުޅުމާލެއަށް އައިސް މުދާ ގަނެގެން އެނބުރި ރަށަށް ދެވޭނޭ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މާލެއިން ހުޅުމާލެއަށް ނައިޓް މާކެޓަށް ދާ މީހުންނަށް ހާއްސަ ހެލްމެޓް ސްޓޭންޑްތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ނަބީލް ވިދާޅުވި އެވެ. އަދި ނައިޓް މާކެޓުން މުދާގަތުމަށް ފަހު ނައިޓް މާކެޓް ސަރަހައްދުގައި ބަހައްޓަފައި ހުންނަ ހާއްސަ ކައުންޓަރަކުން ޗެކިންވުމުން ޖެހިގެން އަންނަ ދުވަހު މާލެއިން އެމުދަލެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިގޮތައް ހަމަޖެއްސީ ބްރިޖުމަތިން ކޮންމެ ގަޑިއެއްގައި މުދާ ނުގެންދެވޭތީއާއި އާންމުންނަށް ހުޅުމާލެއިން މުދާ ގަނެގެން ބްރިޖުމަތިން ގެންދިއުމަށް އުނދަގޫވާނެތީ ކަމަށްވެސް ލިކަމެކް ކުންފުނިން ބުނެ އެވެ.

މީގެއިތުރަށް ނައިޓްމާކެޓް ބާއްވާ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެތަނުގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

ލިކަމެކް ކުންފުނިން ބުނީ މިއަހަރު ރޯދަ ކުރިން އެކުންފުނިން ދަރުބާރުގޭގައި ބޭއްވި ނައިޓް މާކެޓަށްވެސް އަންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާ ބައިލައްކައަށްވުރެ ގިނަ މީހުން އެ ނައިޓް މާކެޓަށްވެސް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.