އެއްދަންފަޅިޔަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔެވުން ފަތިސް ނަމާދަށް ފަހު ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެވެނަ ޓާމުގެ ކިޔެވުން އިއްޔެ ފެށުނުއިރު އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓު ޕްރޮގްރާމެއް 22 ސްކޫލެއްގައި އިއްޔެ ފަށާފައިވާނެ ކަމަށެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލުތަކުގެ ކިޔެވުން ބަދަލުކުރުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސްކޫލުގެ ވަގުތު ނިންމާލުމަށްފަހު ދަރިވަރުންނާއި މުދައްރިސުން އަދި ސްކޫލުގެ އެހެންވެސް މުވައްޒިފުންނަށް ގެއަށް ގޮސް އާއިލާއާއި އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުވާނެ ކަމުގައި ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންގެ ހިތްހަމަޖެހުން އިތުރުވެ ދުޅަހެޔޮ އާއިލާއެއް ބިނާ ކުރުމަށް މަގުފަހިވެގެން ދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސުކޫލެއް އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭއިރު ސްކޫލުތަކުގެ ކިޔެވުން ފަށަން ނިންމާފައިވަނީ ފަތިސް ނަމާދަށް ފަހު ކަމަށެވެ. އެގޮތުން ސްކޫލުގެ ދަރިވަރުން ނަމާދު ގަޑިއަށް ސުކޫލަށް ހާޒިރުވެ ޖަމާއަތުގައި ނަމާދު ކުރުމަށްފަހު ކުޅިވަރާއި ކަސްރަތުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު އެނބުރި ގެއަށް ގޮސް ސްކޫލުގެ ކިޔަވާ ގަޑިއަށް ތައްޔާރުވެ ސްކޫލަށް އަންނާނީ ކަމަށެވެ. އަދި އެކަމަށް ދީފައިވާނީ ވަކި ވަގުތެއް ކަމަށާއި ސުކޫލަށް އައިސް ސްކޫލުގައި ނާސްތާ ކުރުމަށްފަހު ރަސްމީ ކިޔެވުމުގެ ގަޑިތައް ފައްޓާނީ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސުކޫލުތަކުގައި މިކަން ކުރުމަށް ނިންމީ ތައުލީމީ ދައުރާއާއި ގުޅިގެން ސަރުކާރުގެ އަމާޒު ހުރިގޮތުން ކަމަށެވެ. އެގޮތުން މި ސަރުކާރުން މަސައްކަތް ކުރަނީ ދަރިވަރުންނަށް ހަމައެކަނި ފޮތުގައި ހުރި އެއްޗެއް އުނގަންނައި ދިނުމަށް ނޫން ކަމަށާއި ސަރުކާރުގެ އަމާޒަކީ ދިރިއުޅުމަށް ފުރާފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖުތަމައަށް ނެރެދިނުން ކަމަށެވެ. އަދި އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުގެ ބޭނުމަކީ ސުކޫލްތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުން ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ މި އަމާޒު ހާސިލްކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނީ ކަމާ ގުޅުންހުރި ފަރާތްތަކާއި ބެލެނެވެރިންގެވެސް ހިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި ކަމަށެވެ.