ދިމާވި މައްސަލަތަކަކާ ގުޅިގެން ވަގުތީގޮތުން ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު ކާޑެއްދޫ އެއާޕޯޓުގެ ހިދުމަތްތައް އަލުން ފަށައިފި އެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ބުނީ އެއާޕޯޓުގައި ދިމާވި މައްސަލަތައް ހައްލުކޮށް މިއަދު ހެނދުނުން ފެށިގެން ޝެޑިއުލް ދަތުރުތައް ކުރަމުންދާ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓުން ހިދުމަތް ދިނުން މެދުކަނޑާލީ ކާޑެއްދޫ އެއާޕޯޓުގެ ފަޔަ ޓްރެކުގެ ވޯޓަ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. އިއްޔެ މެންދުރު 1:00 ޖަހާ އެހާއިރު ދިމާވި މިމައްސަލަ ހައްލުކޮށް ކުރިއެކޭވެސް އެއްގޮތަށް މިހާރު ހިދުމަތް ދެމުންދާ ކަަމަށްވެސް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.

އިއްޔެ ދިމާވި މިމައްސަލައާ ގުޅިގެން ކާޑެއްދޫއަށް އެއްވެސް ފްލައިޓެއް ޖައްސާފައެއް ނުވެ އެވެ. ނަމަވެސް ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތައް ވަނީ ގއ. ކޫއްޑޫއަށް ކޮށްފަ އެވެ. އަދި ގއ. އިން ގދ. އާއި ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލޯންޗު މެދުވެރިކޮށް ދަތުރުކުރެވޭނެ މަގުފަހިކޮށްދީފައިވާ ކަމަށާއި، އެދޭތެރޭ ދަތުރުކުރާ ގެސްޓުންނަށް އެބަޔަކު ބުކްކޮށްފައިވާ ރިސޯޓަކުން ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާދީފައިވާ ކަމަށްވެސް މައުލޫމާތުލި ބެ އެވެ.

ކާޑެއްދޫ އެއާޕޯޓަށް ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން މީގެ ކުރިންވެސް ވަނީ ކާޑެއްދޫއަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ފްލައިޓުތައް ކޫއްޑޫއަށް ޑައިވާޓްކޮށްފަ އެވެ.