ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ މިއަހަރުގެ ޓްރެވަލް ސަމިޓް ނިންމާލައިފި އެވެ.

އޯކާ މީޑިއާ ގުރޫޕުން އިންތިޒާމުކޮށްގެން ޓްރޭޑް ފެއާގެ ބައެއްގެ ގޮތުގައި ބާއްވާ ޓީޓީއެމް ޓްރެވަލް ސަމިޓް ފަށާފައިވަނީ އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ.

މި ސަމިޓުގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުން އަދި މީޑިއާގެ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. އެގޮތުން 200 އަށް ވުރެ ގިނަަ ޓްރެވަލް އެޖެންޓުނާއި ޓުއާ އޮޕަރޭޓަރުންނާއި 140 އަށް ވުރެ ގިނަ ރިސޯޓް ތަކުގެ އޮފިޝަލުންވެސް މި ސަމިޓުގައި ބައިވެރިވެފައިވެ އެވެ. މީގެއިތުރުން ޓްރެވަލް ދާއިރާގައި މަސައްކަތް ކުރައްވާ ބޭރުގެ ގިނަ ތަޖުރިބާކާރުންވެސް މިސަމިޓުގައި ބައިވެރިވިއެވެ.

"ޓްރެވެލް ޓެކްނޮލޮޖީ އެންޑް އެނަލިޓިކްސް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މިސަމިޓް ނިންމާލާފައިވާއިރު، ގެސްޓް ހައުސްތަކާއި، ރިސޯޓްތަކުގެ އިސް ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ބައްދަލުވުންތަކެއް މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ދާނެ އެވެ.

މީގެއިތުރުން މި ސަމިޓުގެ ދަށުން ގާލާ ނައިޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. ގާލާ ނައިޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ އެވެ.

މިއަހަރުގެ މި ސަމިޓުގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ އެވެ. ގޯލްޑް ޕާޓްނަރުންނަކީ އެލައިޑާއި އަލްޝާލީ، ހަސަން މެރިން، އެމް7 ޕްރިންޓް، ދަ ހޯކްސް، ކާސްޓްރޯލް މޯލްޑިވްސް، އެމްއޭސީއެލް އަދި އެޗްއާރްއެސް އިންޓަނޭޝަނަލް އެވެ. ސަމިޓުގެ ޓްރެވަލް ޕާޓްނަރުންނަކީ ގަތަރު އެއާވޭސް އާއި މޯލްޑިވިއަން އަދި ފްލައިމީ އެވެ.