އިޤްތިސާދީ ތަރައްގީއަށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހްތިޔާރުކުރަން ޖެހޭ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ފުރަތަމަ "އޭޝިއާ ޕެސިފިކް ރީޖަނަލް ހައި ލެވެލް ފޯރަމް އޮން ގްރީން އިކޮނޮމީ"ގައި ތަގުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ނުފޯރާ އެއްވެސް ގައުމެއް ނެތް ކަމަށާއި އެކަމުގެ އެންމެ ބޮޑު ބިރެއް އޮތީ ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށް ކަމަށެވެ. އެހެންކަމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ޤައުމުތަކުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅުވައިގެން ފެހި އިގްތިސޯދީ ތަސައްވުރަކަށް އަމާޒުހިފުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން ބާއްވާ މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އިގްތިސާދަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމުގައި ވިދާޅުވި އެވެ. ޕީކް ލޯޑްގެ 70 އިންސައްތަ އަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ޓޫރިޒަމް ދާއިރާއިން ގްރީން ޓެކްސް ނަގަމުންދާ ކަމަށާއި އެ ފައިސާ ބޭނުންކުރަމުންދަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ ދާއިރާއަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަކީ މުހިއްމު ކަމެއް ކަމަށާއި އިގްތިސާދީ ގޮތުން މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކީ ފެހި އިގްތިސާދީ ހަރަކާތްތަކަށް އެއްބާރުލުންދޭ އަދި ތިމާވެއްޓާއި ރައްޓެހި އީޖާދުތަކަކަށް ފުރުސަތުދޭ ސިޔާސަތުތަކަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މިދާއިރާއިން އިންސާނީ ވަސީލަތްތަކާއި މުއައްސަސާތައް ތަރައްގީކުރަން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. މިސިޔާސަތުތައް އެކުލަވާލުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލާމައި އެހީތެރިކަން ބޭނުންވާނެ ކަމަށާއި މިއެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނީ ރާއްޖެ ފަދަ ކުދި ޖާޒީރާ ގައުމުތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަސައްވުރަކަށް އަމާޒުހިފަންޖެހޭ ކަމަށާއި އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައިވެސް މި ތަސައްވުރަކީ މުހިއްމު ކަމެއް ކަމަށެވެ. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަކީ ގިނަ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުން ކަމަށެވެ. މިކަމަށްޓަކައި ޕެރިސް އެގްރީމަންޓުގައިވާ ގޮތަށް ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ހުރިހާ ފަންތިއެއްގައިވެސް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.