ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާއިރު ފިލައިގެން ނުދާނެކަން ކަށަވަރުކުރުމަށްޓަކައި ކަރެކްޝަނަލް ސާވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށާއި އެކަމުގައި ހުރި ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރުމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް ހަތަރު ބޭފުޅަކު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީގައި މިއަދު 4:00 ޖަހާއިރު އޮންނަ ބައްދަލުވުމަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް ފާސްކޮށްފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަންގެ ކަމާބެހޭ ބޭފުޅެކެވެ.

ކޮމިޓީން މިގޮތަށް ނިންމާފައި މިވަނީ އަދީބު ރާއްޖޭން ބޭރަށް ފޮނުވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކާއި ގުޅިގެންނެވެ. ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މަޖިލީހަށް މިއަދު މައްސަލަ ހުށަޅުއްވަމުން މީކާއީލް ވިދާޅުވީ އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖޭން ބޭރަށް ފުރުވާލިކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭ ކަމަށެވެ. އެހެންކަމުން އަދީބު ރާއްޖޭން ބޭރަށް ގޮސް ފިލާފާނެތީ ކަރެކްޝަނަލް ސާވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހެ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް މިމައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވި އެވެ.

މެމްބަރު މީކާއިލް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އަދީބު ރާއްޖޭން ބޭރަށް ފުރައިފިނަމަ ދެން އޭނާ ނުގެނެވޭނެ ކަމަށެވެ.

މިމައްސަލާގައި ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރުން ވަނީ އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން އަޅާފައިވަނީ ކޮންކަހަލަ ފިޔަވަޅުތަކެއް ކަން ސާފުވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން އަދީބްގެ މައްޗަށް މިހާރު އޮތް 15 ދުވަހުގެ ބަންދުގެ ހުކުމް މާދަމާއަށް ހަމަވާއިރު އަދީބު ފުރައިގެން ދިއުމަށްފަހު ފިލުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން އަޅާފައިވަނީ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ ކޮމިޓީން ބަލަން ބޭނުންވާ ކަމަށްވެސް މެމްބަރުން ވިދާޅުވި އެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބޭސްފަރުވާއަށް ފޮނުވާލުމަށް ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވަނީ މެޑިކަލް ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މެޑިކަލް ބޯޑުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.