ކަޅުވަކަރު މިސްކިތް ބަހައްޓަން ކުރިމަސައްކަތުން އެއްވެސް ބަޔަކު ލިބިފައިނުވާތި މިމަޝްރޫއަށް ކުރިން ބިޑް ހުށަހެޅި ފަރާތްތަކާ ވާހަކަދައްކައިގެން މިސްކިތް ބަހައްޓައިދޭނެ ބަޔަކު ހަމަޖެހޭތޯ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފި އެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ބަޔަކު ހޯދުމަށް ދެފަހަރެއްގެ މަތީން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ކުރިން މައުލޫމާތު ދީފައިވެ އެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ނިންމާފައިވަނީ ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު ހެޑް އޮފީސް ހުރި ބިމުގަ އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު މިއަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިސްކިތް ބަހައްޓައިދޭނެ ބަޔަކު ހޯދުމަށް ދެފަހަރަށް އިއުލާން ކުރުމުންވެސް ބަޔަކު ނުވި ކަމަށެވެ. އެހެންކަމުން ކުރިން ބިޑް ހުށަހެޅި ފަރާތްތަކާއި ވާހަކަދައްކައިގެން މިސްކިތް ބަހައްޓައިދޭނެ ބަޔަކުވޭތޯ ސަރުކާރުގެ ކަމާގުޅުންހުރި އިދަރާތަކުގެ މެދުގައި މަޝްވަރާކޮށްގެން ވީހާވެސް އަވަހަށް ބަޔަކު ހަމަޖެހޭތޯ ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ކަޅުވަކަރު މިސްކިތް ބަހެއްޓާނެ ފަރާތެއް ހޯދަން އުނދަގޫވެގެން އުޅެނީ އިއުލާންކޮށްގެން ބަޔަކު ހޯދުމުގައި އޮންނަ މަރުހަލާތައް ދިގުވެފައި އުދަގޫ ކަމުން ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު މިމަސައްކަތް ކުރަން ބޭނުންވަނީ ހަމަޖެހިފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މިސްކިތް ބަހައްޓަން އަމަލީގޮތުން މަސައްކަތް ފަށާތާ 3 މަސް ދުވަސް ތެރޭގައި މިސްކިތް ބަހައްޓާ ނިންމާ ލެވޭނެ ކަމަށެވެ. މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ރާއްޖެއިން ބޭރުން ހޯދުމުގެ ވިސްނުން ނެތް ކަން ފާހަގަކުރައްވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގައި ތަރިކައާއި ގުޅޭ މަސައްކަތްތައް ކުރާނެ މީހުން ކިތަންމެ މަދު ނަމަވެސް މިކަން ކުރެވޭ ވަރުގެ ގާބިލް މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެންގެ ކާބަފައިންގެ ދުވަސްވަރު ވަނީ މިފަދަ ގާބިލްކަން ހުރިކަން ދައްކާފައި،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުއްވިއިރު މިފަދަ މަސައްކަތެއް ކުރާނެ ގޮތެއް އަދި މިފަދަ ކަމަކަށް ހޭދަވާނެ މުއްދަތެއް ހޯދާ ބަލާފައި ނުވާ ކަމަށެވެ.

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކްގައި ހުއްޓާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މިސްކިތް އެތަނުން ނެގިފަހުން އެ މިސްކިތުގެ ބައިތަކަށް ވީގޮތެއް ނޭނގި އެތައް ދުވަހެއް ވެގެން ދިޔަ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހެރިޓޭޖް މިނިސްޓަރު ކަމާ ޔުމްނާ މައުމޫން ހަވާލުވެވަޑައިގަތުމަށްފަހު މަސް ދުވަސް ތެރޭގައި ވަނީ އެމިސްކިތުގެ ބައިތައް ހޯދާފަ އެވެ.

ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށްޓަކައި މިސްކިތުގެ ލަކުޑީގެ ބައިތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ހެރިޓޭޖު މިނިސްޓްރީން މިހާރު ވަނީ ފަށާފަަ އެވެ.

ކަޅުވަކަރު މިސްކިތަކީ ރާއްޖެގެ ތާރީހާއި ގުޅިފައިވާ ތަނަކަށްވުމުން އެ މިސްކިތް އަލުން ރޭވުމަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު އެދޭ ކަމެއް ކަމަށްވެސް ހެރިޓޭޖު މިނިސްޓްރީން ވަނީ ބުނެފަ އެވެ.