ސޯޝަލް މީޑިއާ މެދުވެރިކޮށް 6 ގައުމެއްގައި ރާއްޖެ ޕްރޮމޯޓްކޮށް، އިޝްތިހާރު ކޮށްދޭނެ ބަޔަކު ހޯދުމަށް އެމްއެމްޕީއާރުސީން އިއުލާން ކޮށްފިއެވެ.

އެމްއެމްޕީއާރުސީން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިމަސައްކަތްކުރާ ފަރާތްތަކުން ނެޓްވޯރކްގެ ޒަރިއްޔާއިން ޑިޖިޓަލްކޮށް މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލިޔުންތަކާއި ވީޑިއޯ އަދި ފޮޓޯ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ހަރަކާތްތައް ހިންގަން ޖެހޭނެކަމަށް އެމްއެމްޕީއާރުސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އިޢުލާންކޮށްފައިވާ 6 ގައުމަކީ އެމެރިކާ، ޔުކްރެއިން، ތައިލެންޑް، ރަޝިއާ، އިންޑިއާ އަދި ޗައިނާގައެވެ.

ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރަން ބޭނުންވާ ފަރާތައް މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން އެމްއެމްޕީއާރުސީގެ އީމެއިލް އެޑްރެހަށް ޕްރޮޕޯސަލް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާފައެވެ. އަދި މިކަމާގުޅޭ އިތުރު ތަފްސީލް ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓްއިން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ފަށާފައިވާ ކެމްޕެއިންގެ ދަށުން އެމްއެމްޕީއާރުސީން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ 22 މާކެޓަކަށް ބަހާލައިގެން ރާއްޖެ ޕްރޮމޯޓްކުރުމުގެ މާކެޓިންގ ޕްލޭނެއް އެކުންފުނިން ވަނީ އެކުލަވާލާފައެވެ.