ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ މޫސާ ފާރިޝް އަހްމަދު އިސްތިއުފާ ދެއްވައިފި އެވެ.

މޫސާ ފާރިސް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް އޭނާ އައްޔަން ކުރުމުގައި އިޖުރާއަތްތައް ފުރިިހަމަކޮށްފައި ނުވާ ކަމަށް ބުނެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. އެހެންނަމަވެސް މޫސާ ފާރިޝް އެމަގާމަށް އައްޔަން ކުރުމުގައި އިޖުރައާތާ ޚިލާފު އެއްވެސް ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ފަހުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން އެގޮތައް ނިންމި ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށް ފާރިޝް ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ އެގޮތަށް ނިންމެވީ ހައިކޯޓުގެ ފަނޑިޔާރުންގެ ހައިބަތަށް އުނިކަމެއް އަންނަން އެދިވަޑައިނުގަންނަވާތީ އާއި، ޖުޑީޝަރީގެ ނަން ކިލަނބުވުމަށްވެސް ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެެވެ. އެެހެންކަމުން އެންމެ މަސްލަހަތު ހުރި ގޮތަކީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދިނުން ކަމަށްވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށްވެސް ފާރިޝް ވިދާޅުވި އެވެ.

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް ފާރިޝް އައްޔަން ކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ފާރިޝްއަކީ އިނގިރޭސި ވިލާތުން ގާނޫނީ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ފާރިޝް އަކީ ދަނގެތީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިލްހާމު އަހްމަދުގެ ކޮއްކޮ އެކެވެ.