ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހަށް ބަލައިގަނެ އެބިލް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 79 މެމްބަރުންނެވެ. ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާ ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކުރުމަށް މަސައްކަތްކޮށް، އެކަމަކު ފާސްކުރެވިފައި ނުވާ ބިލެކެވެ.

ނިމިދިޔަ މަޖިލީހުގައި މިބިލް ފާސްކުރެވިފައި ނުވަނީ މިބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިނުގަތުމުން ވޯޓަށް އެހޭ ގޮތް ނުވެގެންނެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ އިތުރުން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރަކުން ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްގެ ދަށުން އުފެއްދެވި ދެ ކޮމިޝަނެވެ.

މިއަދުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނަށް އިނާޔަތް ދިނުމަށް ހުށަހަޅާފައިވާ ބިލް ވަނީ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ފާސްކޮށް ތަޅުމުން ބޭރުކޮށްފަ އެވެ. މިބިލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރެއްވުމަށް ފޮނުއްވުމުން އަލުން ވިސްނެވުމަށް އަނބުރާ ފޮނުއްވާލާފައިވާ ބިލެކެވެ.

މީގެއިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރަށް އިނާޔަތް ދިނުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ވެސް ވަނީ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް މެމްބަރުން ވޯޓު ދެއްވާފަ އެވެ. މިބިލަކީވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރެއްވުމަށް ފޮނުއްވުމުން އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުއްވާފައިވާ ބިލެކެވެ.