ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް ހުސްވި މެއި މަހުގެ 21 ވަނަ ދުވަހު ބޭއްވި ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މިނިންމުމާއި އެއްގޮތައް ޖަމިއްޔާއެއް އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މެއި މަހުގެ 26 ވަނަ ދުވަހު ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށްވެސް ޑީޖޭއޭއިން ވަނީ މައުލޫމާތު ދީފަ އެވެ.

ޑީޖޭއޭއިން ބުނީ މިފަދަ ޖަމިއްޔާއެއް ހަދަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމިއްޔާ ހެދުމުގެ ހައްގުގެ ދަށުން ކަމަށެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން ކަމަށްވެސް ޑިޖޭއޭ އިން ބުނެ އެވެެ.

ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމުގައިވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.