ރައީސުލްޖުމަހޫރިއްޔާ އުފައްދަވާ ކޮމިޝަނެއްގައި ފަސް މެމްބަރުން ތިއްބެވި ނަމަވެސް ހަތް މެމްބަރުން ތިއްބެވި ނަމަވެސް އެފަދަ ކޮމިޝަނެއްގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވަންނާނެ ކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމާއި މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް މިހެން ވިދާޅުވީ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ގާސިމް ވިދާޅުވީ އެބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ނުވާނަމަ ބިލު ފާސްކުރުމަށް ދެކޮޅު ނުހައްދަވާނެ ކަމަށެވެ. ނަމަވެސް ގޮތް ނޭނގި މަރުވެފަައިވާ މީހުންގެ މަރުތަކުގެ ހަގީގަތް ހޯދުމާއި، ދައުލަތަށް ވެފައިވާ ހިޔާނާތާއި، އަދި އެފަދަ ކަންކަމާއި ގުޅޭ އެހެން ކަންތައްތަކުގައިވެސް އެކަންކަން ތަހުގީގުކުރުމުގެ ބާރު ގާނޫނު އަސާސީން ވަކި މުއައްސަސާތަކަކަށް ދީފައިވާއިރު އެ ބާރުތައް ނަކަލުވާ ގޮތަށް އެހެން މުއައްސަސާއަކަށް ދިނުން ގާނޫނުއަސާސީއާ ހިލާފު ނުވެދާނެތޯ ގާސިމު ސުވާލު އުފެއްދެވި އެވެ. އަދި އެފަދަ ކަންކަން ގާނޫނުއަސާސީއާ ހިލާފުވާކަމަށްވާނަމަ ގާނޫނޫއަސާސީ އިސްލާހު ކުރުމަށްފަހުގައި މެނުވީ އެބާވަތުގެ ކަމެއް ކުރެވިދާނެ ކަމާމެދުވެސް ސުވާލު އުފެދޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިކަމުގައި ދެކޮޅު ޖެއްސުމަށްޓަކައި ކޮންމެ ބަޔަކަށްވެސް އަދަބެއް ދީގެން އިސްލާމްދީނުގައިވާ ގޮތުގެ މަތިން އަދަބެއް ދީގެން މީހެއްގެ މަރަށް މަރު ހިފަންޖެހެ ހާލަތްތަކަށް އައިސް އެމީހަކީ އެހައްގު ނޫން މީހެއް ކަމަށްވަންޏާ އަޅުގަނޑުމެން ވަކި ސަރުކާރެއް ނުވަތަ ވަކި މީހަކު ސަލާމަތް ކުރުމަށްޓަކައި ނުވަތަ ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނިމަށްޓަކައި ކުރެވޭ ކަމެއް އެގޮތުގެ މަތިން ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަކަށް ނުުވޭތޯ؟ މިއަދުވެސް ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮވެގެން އަޅުގަނޑުމެން ބޭނުން ގޮތަކަށް ކަންތައްތައް ކުރުމުގެ ބާރު މިއަދު ލިބިފައިވާހިނދު، މިފަދަ މުއައްސަސާތަކުގައި ހުރި ބާރުވެރިކަން ތަންފީޒުކުރުމުގައި އެދަންނަވާ އިސްލާހުތައް ގެނައުމުގެ ބާރުވެރިކަން މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ނެތީތޯ؟،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮންމެ ކަމެއް ވަކި ގޮތަކަށް ދެކޮޅު ޖެއްސުމަށްޓަކައި ވަކި ސަރުކާރެއް ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށެވެ.

ގާސިމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބެލެވޭ މަސައްކަތެއް ކުރަނީ ރައީސަށް ކުރެވެން އޮތް އެހެން ކަމެއް ނެތުމުންތޯ ސުވާލު އުފެދޭ ކަމަށެވެ.

ހިޔާނާތްތެރިވެގެން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން ބޭނުންފުޅުވާ ކަމަށާއި މަރުތަކުގެ ހަގީގަތް އެނގި އަނިޔާ ލިބިފައިވާ އާއިލާތަކަށް އިންސާފު ނުލިބި ދިއުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.