އުރީދޫއިން މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޗެރިޓީ ޕްރޮގްރާމްތައް ނިންމާލައިފިއެވެ.

މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށްގެން ދުނިޔޭގެެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ އުރީދޫގެ ކުންފުނިތަކުން ވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ އުރީދޫގެ ބްރާންޗްތަކުން ވަނީ މިހަރަކާތްތަކުން ވަނީ ބައިވެރިވެފައެވެ.

މިހަރަކާތްތަކުގެ ތެެރެއިން އުރީދޫއިން ވަނީ ހާއްސަ ވީޑިއޯއެއްވެސް ރިލީޒް ކޮށްފައެވެ. މިވީޑިޔޯގައި އިންޓަނެޓުގެ ޒަރީޔާއިން މުޖުތަމައުގައި ލޯތްބާއި އަޅާލުން އާލާކުރުމަށް ވަނީ ބާރުއަޅާފައެވެ.

މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަށް ރަމަޟާން ގިފްޓް ބޮކްސް ބެހުމާއި، އެކި ހިސާބުތަކުގައި ރޯދަ ވީއްލުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމާއި ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން ހިމެނެއެވެ. މިހަރަކާތްތައް ކުރިއަށްގެންދިޔަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، ކުވެއިތް، އޮމާން، އަދި ގަތަރު ހިމެނެއެވެ.

ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އާއިލާއާއި، ގާތްތިމާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ބާރުއެޅުމަށް ވީޑިޔޯ ނުވަތަ އިޝްތިހާރުތަކެއް ރިލީޒްކުރުމާއި، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރަށް ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ނުވަތަ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަ ރޯދަވީއްލުމެއް ބޭއްވުން ހިމެނެއެވެ.

މިކެމްޕެއިނާ ބެހޭގޮތުން އުރީދޫގެ ސީއީއޯ ޝެއިޚް ސައުދު ބިން ނަސީރު އަލް ތާނީ ވިދާޅުވީ، ރޯދަ މަހަކީ ގުޅުންތައް ބަދަހިކުރުމުގެ މަސް ކަމަށާއި މިމަހުގައި ހަދިޔާ ބަދަލުކުރުމާއި އާއިލާއާއި ގާތް ތިމާގެ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި ކޮންމެ އަހަރެއްގެވެސް ރޯދަ މަހުގެ މިކަހަލަ ކެމްޕެއިންތަކަކީ ވަރަށް އުފަލާއެކު ކުރިއަށްގެންދާ ކެމްޕެއިންތަކެއް ކަމަށާއި މިކެމްޕެއިންތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.