އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރާއި، ޚާރިޖީ އޮފީހުގެ އިސްބޭފުޅުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި ފޮރިން އޮފީހުގެ ކުރީގެ ވަޒީރު ހޫގޯ ސްވަޔަރ އާއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން 2 ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެއަށްފަހު ދެން ބައްދަލުކުރެއްވީ އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް އާއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މިއީ ނޮވެމްބަރު މަހު ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިނގިރޭސިވިލާތަށް ކުރައްވާ 2 ވަނަ ރަސްމީ ދަތުރުފުޅެވެ.