ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ޓީމުގެ ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓީމުގެ ސްކޮޑް އެކުލަވާލުމުގެ ކުރިން އިތުރު ކުޅުންތެރިންނަށް ފުރުސަތުދޭން ހަމަޖެހިފައިވާ ކަމަށެވެ. ސްކޮޑުން ޖާގަ ހޯދުމުގެ ޝައުގުވެރިކަން ހުރި އުމުރުން 15 އަހަރާއި 30 އަހަރާއި ދެމެދުގެ ކުޅުންތެރިން ޖޫން 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ވަނަވަރާއި އައިޑީ ކާޑުގެ ކޮޕީ ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ.

ސައުތު އޭޝިއަން ގޭމްސް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހު ނޭޕާލުގެ ކަތަމަންޑޫ އާއި ޕޮކަރާ ގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ނޭޕާލުގައި ބާއްވަން އެންމެ ފުރަތަމަ ޝެޑިއުލްކުރީ މި އަހަރުގެ މާޗު މަހުއެވެ. އެކަމަކު ނޭޕާލަށް ސްޓޭޑިއަމްތަކުގެ މަސައްކަތް އެއްކޮށް ނިިންމާނުލެވުމުން މާޗު މަހު ބޭއްވި ސައުތު އޭޝިއަން ކައުންސިލްގެ ބައްދަލުވުމުގައި ސައުތު އޭޝިއަން ގޭމްސް ޑިސެމްބަރު މަހުގެ 1 އިން 10 އަށް ބާއްވަން ވަނީ ނިންމާފައެވެ.

ބެޑްމިންޓަންގެ އިތުރުން މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރާ ގޮތަށް ހަމަޖެހިފައިވަނީ ފުޓްބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ، ޝޫޓިން، އެތުލެޓިކްސް، ސްވިމިން، ޓެނިސް، ޓޭބަލް ޓެނިސް، ބާސްކެޓްބޯޅަ އަދި ކްރިކެޓް ގައެވެ.

ސައުތު އޭޝިއަން ގޭމްސްއަށް ޓީމު އެކުލަވާލުމުގެ މަސައްކަތް ބެޑްމިންޓަން އެސޯސިއޭޝަނުން ފެށިއިރު، އަންނަ މަހު އޮންނަ އިންޑިއަސް އޯޝަން އައިލެންޑް ގޭމްސްގެ ކުރިން މޮރިޝަސްގައި އޮންނަ މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރުމަށް ގައުމީ ޓީމު ވަނީ ފުރާފައެވެ. މިދިޔަ އަހަރު އޮތް މޮރިޝަސް ބެޑްމިންޓަން ސީރީސްއިން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ވަނީ ދެ ރިހި މެޑެއްޔާއި ދެ ލޯ މެޑަލް ހޯދާފައެވެ.