ދުނިޔޭގެ ކްރިކެޓްގައި ދިވެހިރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަން އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސަޗިން ޓެންޑުލްކާ ބުނެފި އެވެ.

ރާއްޖެއަށް ސަޗިން ހެޔޮއެދުންތައް ފޮނުވީ ދާދި ފަހުން ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ ރާއްޖޭގެ ރައީސުލް ޖުމްހުރިޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހާއްސަ ކްރިކެޓް ބެޓެއް ހަދިޔާ ކުރުމާއި ގުޅިގެންނެވެ. ހަނދާނީ ހަދިޔާގެ ގޮތުގައި ކުރިކެޓު ބެޓެއް ރައީސް ސޯލިހަށް ހަދިޔާކުރެއްވުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އެކުވެރި، ރައީސް ސޯލިހަކީ ކްރިކެޓުގެ ފޭނެއް ކަމަށެވެ. އަދި އެބެޓަކީ، އިންޑިއާގެ ޤައުމީ ކުރިކެޓު ޓީމުގެ ކުޅުންތެރިން ސޮއެ ކުރައްވާފައިވާ ބެޓެއް ކަމުގައިވެސް ވިދާޅުވިއެވެ.

މޯދީ ކުރެއްވި ޓްވީޓާއެކު، ސަޗިން ކުރި ޓްވީޓުގައި ވަނީ ކްރިކެޓް ޕްރޮމޯޓްކުރެއްވީތީ ބޮޑު ވަޒީރަށް ޝުކުރުއަދާކޮށްފަ އެވެ. ސަޗިން ބުނެފައިވަނީ ކްރިކެޓުގެ ޗާޓުން ދިވެހިރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.