ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަޤާމުން ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މިއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތާރީހުގައިވެސް ފަނޑިޔާރަކު މަޤާމުން ވަކިކުރު،މަށް ނިންމި ފުރަތަމަ ފަހަރެވެ.

މިއަދު ބޭއްވި ޖުޑިޝަރސް ސަރވިސް ކޮމިޝަންގެ ބައްދަލުވުމުގައި (ޖޭއެސްސީ)ގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ މަޤާމުން ވަކިކުރަން ނިންމީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ކަމަށެވެ. އަދި އެ ނިންމުން ނިންމީ އެ ފަނޑިޔާރާއި ގުޅޭގޮތުން ހުށަހެޅުނު ސުލޫކީ މައްސަލައެއްގައި ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހު ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި 9 މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް ކަމަށެވެ. ޖުޑިޝަރސް ސަރވިސް ކޮމިޝަންގައި ތިއްބަވަނީ 10 މެންބަރުންނެވެ.

ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމި ނަމަވެސް އެ މައްސަލަ ނިންމޭނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން އެ މަސައްލައިގައި ނިންމާ ގޮތެއްގެ މަތިންނެވެ.

ގާޒީ އިބްރާހީމް ރަޝީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީގެ ކުރިން ވަނީ އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅުއަޅާފައި މިވަނީ، މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ.