ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށްޓަކައި، ރާއްޖެއިން ހުށަހެޅުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުން ހުށައަޅައިފިއެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު މި ލިޔުންތައް ހުށައަޅާފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ގުޅުމަށްޓަކައި ރާއްޖެއިން ހުށަހެޅުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުން މިނިސްޓަރު ޝާހިދު ވަނީ އެކަމަނާގެ އަތްޕުޅަށް އަރުވާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން، ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެޖަމްއިއްޔާއަށް މީގެ ކުރިން ހުށަހަޅުއްވާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮމަންވެލްތާ ގުޅިފައިވަނީ 1982 ވަނަ އަހަރެވެ. އަދި ކޮމަންވެލްތުން ވަކިވެފައިވަނީ 34 އަހަރު އެޖަމްއިއްޔާގެ މެމްބަރެއްގެ ގޮތުގައި އޮތުމަށްފަހު 2016 ވަނަ އަހަރެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެޖަމްއިއްޔާއަށް ވަނީ ހުށަހަޅާފައެވެ.

އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެހުށަހަޅުމަށް މަރުޙަބާ ވިދާޅުވެފައެވެ.