ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ބޭސްފަރުވާއަށް އިންޑިޔާއަށް ވަޑައިގެންނަވާއިރު ފިއްލެވޭނެ ފުރުސަތު ނުދެއްވާނެކަމަށާއި އަދީބު ބޭސް ފަރުވާއަށް ފޮނުވުމުގެ ކަންކަން ކުރިޔަށް ދާނީ ހަރުދަނާ އިންތިޒާމެއްގެ ދަށުންކަމަށް ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިން ވިދާޅުވެއްޖެއެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދިނުމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅުއްވާފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް މިކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު ވަނީ ކޮމެޓީން ސާފުކޮށްފަ އެވެ.

އެގޮތުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ އެވެ.

ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ގައިދީންނަށް ބޭނުންވާ ބޭސްފަރުވާ ހޯދައިދިނުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާތީ އަދީބަށް ވެސް ބޭނުންވާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދިނުމުން އެ ކަމުގެ ހުއްދަ ދޭން ސަރުކާރުން ނިންމީ ކަމުގަ އެވެ. އަދީބް ބޭސްފަރުވާއަށް ފޮނުވަނީ ބޭސްފަރުވާއަށް މީގެކުރިން ފޮނުވާފައިވާ އެއްވެސް މީހަކު ފޮނުވުމަށް ހަމަނުޖައްސާ ފެންވަރުގެ ޚަރުދަނާ ނިޒާމެއްގެ ތެރެއިން ކަމުގައި އިމްރާން ވިދާޅުވި އެވެ.

" އަޅުގަނޑު އަމިއްލަ ނަފްސަށް ޔަޤީންކަން އަރުވަން ބޭނުންވޭ، އަދި ދިވެހި ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުންވޭ އިރާދަކުރެއްވިއްޔާ އަހުމަދު އަދީބް ފިލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނާއި އަދި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެއްވެސް ފުރުސަތެއް އިރާދަކުރެއްވިއްޔާ ނުދޭނަން. އަޅުގަނޑުމެން އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސަމުން މިގެންދަނީ އެކަމާ ގުޅުންހުރި އެދާއިރާގެ ފަންނުވެރި އަދި އެކަންކަމުގެ ތަޖުރިބާހުރި ޕޮލިސް ސަރވިސްގެ އެކަށީގެންވާ ބޭފުޅުންނާއި އެކުގައި. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ފިލައިގެން ދިޔުމުގެ އެއްވެސް ފުރުސަތެއް އިރާދަކުރެއްވިއްޔާ ނޯންނާނެ." އިމްރާން ވިދާޅުވި އެވެ.