ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" މިރޭ ޕްރިމިއާކޮށްދެއްވާނީ، ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށް ވީމީޑިއާއިން ބުނެފިއެވެ.

"ދައުވަތު" ޕްރިމިއާކުރުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މިއީ ދިވެހި ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށްވާނެކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ މިރޭ އޮލިންޕަހުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތު ވީޓީވީން މިރޭ 9:00 ފެށިގެން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް ވިދާޅުވީ "ދައުވަތު" ޕްރިމިއާކުރުމުގެ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ވީމީޑިއާގެ ބާނީ ގާސިމް އިބްރާހިމާއި، ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

ދައުވަތާއި ގުޅޭގޮތުން ޑައިރެކްޓަރު ޔޫއްޕެ ބުނީ މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ކުރެވުނު އެންމެ ތަފާތު މަސައްކަތްކަމަށެވެ. މިއީ މާތްﷲ ހަރާމްކުރައްވާފައިވާ ސިހުރުގެ ނުބައިކަމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ފިލްމެއްކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.

ޔޫއްޕެ ބުނީ "ދައުވަތު" މި ފިލްމަކީ ވަރަށް ބޮޑު ދިރާސާއަކަށްފަހު ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށެވެ. އަދި ފިލްމުގައި ބެލުންތެރިންނަށް ހަގީގަަތާއި އެއްގޮތަށް ހުރިހާ މަންޒަރުތަކެއް ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާނެކަމަށެވެ. ވަކިން ޚާއްސަކޮށް ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކާއި، އެކަމުގެ ވޭނާއި ހިތްދަތިކަން ވަރަށް ރަނގަޅަށް ފިލްމުން ފެނިގެންދާނެކަމަށެވެ. އަދި ސިހުރުގެ ނުރައްކާތެރިކަމާއި، އެކަމުން ސަލާމަތްވުމަށް ފަރުދީގޮތުން ކުރެވިދާނެ ވަރަށް ކުޑަކުޑަ އެހެންނަމަވެސް މުހިންމު ކަންކަން ފިލްމުގައި ބުނެދީފައިވާނެކަމަށެވެ.

ޔޫއްޕެ ބުނީ "ދައުވަތު"ގެ ކޮންމެ މަންޒަރަކީވެސް އަސްލާއި އެއްގޮތަށް ގެނެސްދެވޭ މަންޒަރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާނެކަމަށެވެ.

ޚާއްސަކޮށް މަންޒަރުތަކުގެ ލައިޓިންނާއި، މަންޒަރުތައް ގެނެސްދީފައިވާނީވެސް ބެލުންތެރިން ވަރަށް ޝައުގުވެރިވާނެފަދަ ގޮތަކަށްކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.

އަދި ފިލްމުގައި ހިމެނޭ ތަރިންގެ ފަރާތުން އާދަޔާ ޚިލާފު މޮޅު އެކްޓިންއެއް ފެނިގެންގޮސްފައިވާކަމަށްވެސް ޔޫއްޕެ ވަނީ ބުނެފައެވެ.

ބޮޑު ދިރާސާއަކާއެކު ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ޔޫސުފް ޝަފީއު ލިޔެފައިވާ މި ފިލްމުގައި ދައްކުވައިދެނީ އަލަތު ކައިވެނީގެ އުފާ ހޯދުމަށް ކުރާ "ހަނީމޫނު"ދަތުރުގައި ދެމަފިރިއަކަށް ކުރިމަތިވާ ހާދިސާއެކެވެ. އެ ދަތުރުގައި އެމީހުންނަށް ކުރިމަތިލާންޖެހޭ ބިރުވެރި އެތައް ހާދިސާތަކެކެވެ. މި ހާދިސާތަކުގެ ފެށުމަކީ ސިހުރެވެ. އަދި ސިހުރުޖެހުމަށް މަގުފަހިވާ ކަންކަމެވެ.

އެހެންކަމުން އިބްރަތްތެރި މި ފިލްމު މިއީ ފިލްމަށް ލޯބިކުރާ އަދި އިބްރަތްތެރި ވާހަކަތަކަށް ޝައުގުވެރިވާ ކޮންމެ މީހަކުވެސް ބަލާލަން ވަރަށް ކަމުދާނެ ފިލްމަކަށްވާނެއެވެ.

"ދައުވަތު"ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓް މިހާރު އޮލިންޕަހުން ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

"ދައުވަތު"ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް ފެނިގެންދާނެއެވެ.