2012 ވަނަ އަހަރު ލަންޑަންގައި އޮތް އޮލިމްޕިކްސްގައި ވާދަކުރި އިރު ކޮރެއާ ޓީމުގެ ކޯޗު ގައުމީ ބެޑްމިންޓަން ޓީމާއި ހަވާލުވުމަށް މި ޖޫން މަހުގެ 15 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝީދު ވިދާޅުވީ ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ކޯޗެއް ގައުމީ ބެޑްމިންޓަން ޓީމަށް ލިބިގެންދިޔުމަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަންމެޑަލް ހޯދުމަށް ގައުމީ ޓީމު ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކޮރެއާ ކޯޗު ބޮޑަށް މަސައްކަތް ކުރާނީ ޓެކްޓިކަލް ބަދަލުތަކެއް ގެނައުމަށް ކަމަށް ބެލެވޭ ކަމަށާއި އާ ކޯޗު ގެންނަ ބަދަލުތައް ވެގެންދާނީ ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް މޫސަ ވިދާޅުވިއެވެ.

ކޯޗު ޓީމާއި ހަވާލުވާއިރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ދެމެދު އޮންނާނީ 45 ވަރަކަށް ދުވަހެވެ. އެހެން ކަމުން މިއީ ވަގުތައް ބަލާއިރު ވެސް އެންމެ ރަނގަޅު ދުވަސްތައް ކަމަށް މޫސަ ވިދާޅުވިއެވެ.

ކޮރެއާ ކޯޗު މާލެ އަންނަ އިރު ކޮރެއާގެ ބެޑްމިންޓަން ޓީމެއް މާލެ އަންނާނެ ކަމަށާއި މި ކުޅުންތެރިން ގައުމީ ޓީމާއެކު ފަރިތަކުންތައް ކުރިޔަށްގެންދާއިރު މިއީ ވެސް ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ.

ގައުމީ ޓީމާއި ކޮރެއާ ކޯޗެއް ހަވާލުވާއިރު މިހާރު ވެސް އިންޑިއާގެ ދެ ކޯޗުން ދަނީ ގައުމީ ޓީމާއި އެކު މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން މާޗު މަހު ރާއްޖެ އައި އިންޑިއާގެ ކޯޗު އަބްދުﷲ ފިރެހެން ގައުމީ ޓީމުގެ ޓްރެއިނިން ކުރިޔަށްގެންދާއިރު އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއައި ނިސާންތު ބަލަހައްޓަމުން ދަނީ އަންހެން ޓީމުގެ ޓްރެއިނިންތަކެވެ. ކޮރެއާ ކޯޗު މާލެ އައުމުން އަންހެން އަދި ފިރެހެން ޓީމުގެ ޓްރެއިނިން ވެސް ކުރިޔަށްގެންދާނީ ކޮރެއާ ކޯޗެވެ.