ވީމީޑިއާގެ ފުރަތަމަ ފިލްމު "ދައުވަތު" މިރޭ ޕްރިމިއަކޮށްފިއެވެ.

ފިލްމު ޕްރިމިއާކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ފިލްމު ޕްރިމިއާކޮށް ދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، ވީމީޑިއާ އިން ފީޗާ ފިލްމް ގެނެސްދޭން ފެށުމަކީ އިންޑަސްޓްރީއަށް ލިބިގެންދާނެ ކުރިއެރުމަކަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޤައުމިއްޔަތެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް މާއްދާއަކީ ވާހަކަ ކަމަކަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޤައުމެއް ބިނާވެގެން އަންނަނީ އެޤައުމެއްގެ ވާހަކަޔާއި އެކުގައި ކަން އެއީ ޒަމާނުއްސުރެ އެނގި ސާފުވެފައި އޮތް ކަމެއް ކަމަށެވެ/

"ފިލްމަކީ ވާހަކަ ކިޔައި ދިނުމުގެ، އަޅުގަނޑުމެންނަށް ވާހަކަ ގެނެސްދިނުމުގެ މީޑިއަމްތަކުގެ ތެރެއިން، ހަމަ ވަރަސް ސާފުކޮށް ދެންނެވިދާނެ ގޮތުގައި، އެންމެ ފުރިހަމަ އަދި އެންމެ ބާރުގަދަ އެއް މީޑިއަމް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ވިލާ ގުރޫޕްގެ ޗެއާމަން ޤާސިމް އިބުރާހިމްގެ ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ފިލްމް ޕްރިމިއަރ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވިލާ ގުރޫޕާއި ވީމީޑިއާގެ އިސްވެރިންނާއި ފިލްމުގެ ކާސްޓުންގެ އިތުރުން ޚާއްސަ މެހެމާނުން ވަނީ ބައިވެރިވެފައެވެ.

"ދައުވަތު"ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، 5 ޝޯވ ވަނީ ހައުސް ފުލްވެފައެވެ.

ފިލްމުގެ ޓިކެޓް މިހާރު އޮލިންޕަހުން ދަނީ ވިއްކަމުންނެވެ.

ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.