މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބޭއްވުމަށް ރާއްޖެއިން ތައްޔާރުވާން ފަށައިފި އެވެ.

މިފޯރަމަކީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުންނާއި ދުނިޔޭގެ ފެންވަރުގެ ކުންފުނިތަކުން ބައިވެރިވާނެ ފޯރަމެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މިފޯރަމް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ފޯރަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު ކުރިއަށްދާ މިފޯރަމު އިފްތިތާހް ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ފޯރަމް ކޯ ހޯސްޓް ކޮށްދެއްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި ފޯރަމްގެ ތެރެއިން ބައިނަލްއަގްވާމީ މުޖުމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެކި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށާއި އިގްތިސޯދީ އަދި އިޖުމާއީ އެކި ދާއިރާތަކުން ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަން ފޯރަމް ތެރެއިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ އެވެ. މީގެ އިތުރުން މިފޯރަމްގެ ތެރެއިން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުންތަކުގައި ސޮއިކުރުންވެސް ކުރިއަށް ދާނެ އެވެ.

މީގެ އިތުރުން މިފޯރަމްގެ ތެރެއިން މައިގަނޑު ފަސް ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ މާލީ އަދި އިޤްތިސާދީ ދާއިރާ، ނޫއިގްތިސާދު، އިޖުތިމާއީ ދާއިރާ، އިދާރާތައް ހަރުދަނާކުރުން އަދި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން ތަރައްގީކުރުމުގެ ދާއިރާއެވެ.