ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވި ނަމަވެސް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނެފައި މިވަނީ އެކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ޗުއްޓީގައި ހުންނެވުމަށްފަހު ޝަރީއަތްތަކުގައި ބައިވެރިވެވަޑައިގެން، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާ ގުޅޭ މައްސަލަތައް ނިންމާފައިވާތީ އެމައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ.

ޝުޖާއު އުސްމާންގެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް ނަސީމު އެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ ފަނޑިޔާރަކީވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ތަޚްސީސްކުރާ މީހަކަށް ވާން ޖެހޭއިރު، ކޯޓުގައި ހުކުމެއް ކުރަން ޖެހޭ ޝަރީއަތެއްގައި ނުވަތަ ވަކި އަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއްގައި ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ފައިސަލާކުރެވެން ނެތް ކަމަށް ބެލެވޭ ހާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިއަސް، މައްސަލައެއްގެ ހުކުމް ކުރުމަށްޓަކައި، އެފަނޑިޔާރަކަށް ދަންނަވައި، އެ ފަނޑިޔާރަކަށް ކޯޓަށް ޙާޟިރުވެވޭނެ ފަދަ ޙާލަތެއްގައި ހުރި ނަމަ، އެ ޝަރީޢަތެއް ނިންމެވުމަށް ބާއްވާ ޙުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވި ނަމަވެސް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ކަމަށް 2011 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމި ފަހުން މިއަދާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުން ދަނީ އެ ނިންމުމުގައިވާ ގޮތުގެ މަތިން ހުކުމްކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވަމުން ކަމުގައިވެސް ބަޔާނުގައިވެ އެވެ. އެކަމަކު އެކަން ހިނގަމުންދާ ގޮތާ މެދު ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ހަގީގަތް އޮޅިފައި އޮވެދާނެ ކަމަށްޓަކައި، އެކަން ހާމަކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިގެން މައުލޫމާތަށްޓަކައި މިބަޔާން ނެރުނީ ކަމަށްވެސް ހައިކޯޓުން ބުނެފައިވެ އެވެ.