ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވެލީގައި މައްސަލައެއް ނެތް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ދުވެލި މަޑުވެ، ރައްޔިތުން މިސަރުކާރާ މެދު ކުރި އުއްމީދުތައް ހަގީގަތަކަށް ވެދާނެ ކަމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވެ ސަރުކާރަށް ބައެއް ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ ވަގުތެއްގަ އެވެ.

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ ފިކުރަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅުން ވެސް ހިމެނެ އެވެ.

ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން 93 ޕަސަންޓް މަސައްކަތް ފުރިހަމަކުރެއްވި ކަމަށެވެ.

މަހްލޫފް ވިދާޅުވީ މިސަރުކާރުގެ ބާކީ ހުރި ވައުދުތަކަކީ ފަސް އަހަރުގެ ތެރޭގައި ކޮށްދިނުމަށް ވައުދުވެފައި ހުރި މަސައްކަތްތަކެއް ކަމަށެވެ. ފަަސް އަހަރުގެ ވައުދުތައް ފުއްދައިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ރާވަމުން ގެންދަވާ ކަމަށާއި އެކަންކަން އިރާދަކުރެއްވިއްޔާ ވާނެ ކަމުގައިވެސް ވިދާޅުވި އެެވި. އަދި ޖުމްލަކޮށް ސަރުކާރުގެ ދުވެލީގައި މައްސަލައެއް ނެތް ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ކަންތައްތަކެއް ކޮށްދިނުމަށް ވައުދު ވެފައިވީ ނަމަވެސް މިހާތަނަށް ބޮޑު މަޝްރޫއެއްގެ އެއްވެސް ކަމެއް ސަރުކާރުން އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އަދި ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ތަރައްގީއަށް ކުރެވޭ ހޭދަ ކުޑަ ކަމަށް ބުނެ ބައެއް އާންމުން ގެންދަނީ ސަރުކާރަށް ފާޑުވެސް ކިޔަމުންނެވެ.