ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

މިސިޔާސަތުގައި ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ މައާފު އުސޫލަށް އިސްލާހު ގެނެސް، ސަރުކާރާއި، މިނިވަން މުއައްސަސާތަކުން އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން، ކުރާ އިއުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިއުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ ޝަރުތުތަކެއް ހިމަނާފައިވެ އެވެ.

މި ސިޔާސަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޓެކްސްގެ ދާއިރާއިން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހިމަނާފައިވެ އެވެ. އެގޮތުން ކުޑައަގެއްގައި ޕީއޯއެސް ފޯރުކޮށްދިނުމާއި ތަމްރީން ދިނުން ފަދަ ކަންކަން މި ސިޔާސަތުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާ ދެއްކުމަށް ބާރުއެޅޭ ގޮތަށް ކަންކަން ބައްޓަންކުރުމާއި މީހުން ތަމްރީނުކުރުން އަދި އެފަދަ ވިޔަފާރިތަކަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑް ދިނުން ފަދަ ކަންކަން ތައާރަފް ކުރުން މި ސިޔާސަތުގައި ހިމަނާފައިވެ އެވެ.