ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމަށް ބަންޑާރަނައިބް އިބްރާހިމް ރިފްއަތު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ރިފްއަތު ވިދާޅުވީ ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް އިދާރާއަކުން ތަހުގީގުކުރާނަމަ 48 ގަޑިއިރުގެ ތެރޭގައި އެފަނޑިޔާރާ މެދު ކޮމިޝަނުން ގޮތެއް ނިންމުމަކީ ލާޒިމު ކަމެއް ކަމަށެވެ. ތަހުޒީބީ މުޖުތަމައުތަކުގައި ފަނޑިޔާރުގެ މައްސަލައެއް ބަލާނަމަ މަގާމުން އަމިއްލަފުޅަށް ދުރުވާ ކަމަށްވެސް ބަންޑާރަނައިބް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.

"ޖޭއެސްސީގެ ނިންމުމަށް މަރުހަބާ،" ރިފްއަތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން އިއްޔެ ނިންމީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނުމަށްފަހު އެވެ. ނަމަވެސް ބަލަމުންދާ މައްސަލައިގެ އެއްވެސް މައުލޫމާތެއް ޖޭއެސްސީން ހިއްސާކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީން އިއްޔެ ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައެއް ބަލަމުންދާތީ އޭނާ ވެސް ސަސްޕެންޑް ކުރުމަށް ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެފައިސާގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާފަ އެވެ.