ކޮރަޕްޝަނުގެ މައްސަލަތައް ހުށަހެޅުމަށް ސަރުކާރުން ގާއިމުކުރި އޮންލައިން ޕޯޓަލަށް މިހާތަނަށް 400 މައްސަލަ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ފަރާތުން މިހެން ބުނެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހު މިސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސްއޮފީހުގެ ތަރުޖަމާނު އިބްރަހިމް ހޫދު އެވެ.

ތަރުޖަމާން ވިދާޅުވީ ކޮރަޕްޝަނާ ގުޅުންހުރި މައްސަތައް ހުށަހެޅުމަށް އުފެއްދި ޕޯޓަލަށް މިހާތަނަށް 400 މައްސަލަ ހުށަހަޅާފައިވާއިރު މީގެތެރެއިން 18 މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" އުސޫލުގެ ދަށުން އޮންލައިން ޕޯޓަލެއް ހަދާ، ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ހުޅުވާލި މި ޕޯޓަލަށް މިހާތަނަށް ގިނަ މައްސަލަތަކެއް ލިބިފައިވީ ނަމަވެސް މި ހުރިހާ މައްސަލަތަކެއް ވެސް ބަލައި ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ހޫދު ވަނީ ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ވައުދުތަކުގެ ތެރޭގައި، ސިޔާސީ ސަބަބުތަކަށްޓަކައި މިދިޔަ ސަރުކާރުގެ ދުވަސްވަރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އަނބުރާ ވަޒީފާ ހޯދައިދިނުމުގެ ވައުދު ހިމެނޭ ކަން ފާހަގަކުރައްވައި ހޫދު ވިދާޅުވީ ވަޒިފާ ގެއްލިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައިވެސް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. މި މައްސަލަތައްވެސް މިހާރު ވަނީ ބަލައި ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައި ކަމަށް ހޫދު ވިދާޅުވި އެވެ.

އެގޮތުން ވަޒީފާއިން ވަކި ކުރާއިރު ވަކިކޮށްފައިވާ ސަބަބާއި، ކޮށްފައިވަނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުތޯ އަދި ވަކި ކުރުމަށް ފަހު ދޭން ޖެހޭ ބައެއް އުޖޫރަތައް ހުރުމުން އެކަންކަން ކޮށްފައިވޭތޯވެސް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އިޖުރާއަތްތައް ފުރިހަމަ ނުވާ ނަމަ ވަޒީފާ އަލުން އިޔާދަ ކުރުމަށް އަދި އުޖޫރަތައް ލިބެން ޖެހޭ ފަރާތްތަތަކަށް އުޖޫރަ ހޯދައި ދިނުމުގެ މަރުހަލާ މިހާރު ކަނޑައަޅަމުންދާ ކަމަށްވެސް ހޫދު ވަނީ ވިދާޅުވެފަ އެވެ.

ހަމަ މިއާއެކު ފްލެޓުތަކާ ގުޅިގެންވެސް ގިނަ ޝަކުވާތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ހޫދު ވިދާޅުވީ އެކަމާ ގުޅުންހުރި ޝަކުވާތައް ބަލައިގަތުމަށް ހުޅުވާލި ފުރުސަތު ބަންދުވީ ވަރަށް ފަހުން ކަމަށާއި ސަރުކާރުން މިހާރު ގެންދަނީ އެ ޝަކުވާތައްވެސް ބަލައި ދިރާސާކުރަމުން ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެކަންކަމަށްވެސް ޖަވާބުދާރި ވާނެ ކަމަށްވެސް ހޫދު ވަނީ ވިދާޅުވެފަ އެވެ.