އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަހްމަދު އަލީ އައްޔަނުކުރައްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް އަލަށް އައްޔަނުކުރެވުނު ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

އަހްމަދު އަލީއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް ވަނީ ސިވިލް ސާވިސްގެ ގާނޫނާ އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގައިވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅިގެން އެކުއެކީގައި މިނިސްޓްރީއަށް ސަރުކާރުން ކަނޑައަޅާފައިވާ އިހުތިސާސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންފައިވެ އެވެ.

އަހްމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުން ބެޗްލަ އޮފް ޓީޗިން ސެކަންޑަރީ ފުރިހަމަކުރައްވާފަ އެެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވަސިޓީން މާސްޓަރ އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް އޭނާ ވަނީ ހާސިލްކުރައްވާފަ އެވެ.

އަހުމަދު އަލީ އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އެކި ވަޒީފާތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެެވެ.

އަހްމަދު އަލީ ވަނީ މިހާތަނަށް 3 ސުކޫލެއްގައި ޕްރިންސިޕަލެއްގެ ވަޒީފާވެސް އަދާކުރައްވާފަ އެވެ.

2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނު ކުރެވުނު ހިސާބުން ފެށިގެން އެ ކޮމިޝަނުގެ ޑިވިޝަން ހެޑެއްގެ ޒިންމާވެސް އަދާކުރައްވާފައިވެ އެވެ. އަދި 2015 ގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމާ ހިސާބުން ފެށިގެން ފެބުރުއަރީ 2018ގެ ނިޔަލަށް އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ ވެސް އަހްމަދު އަލީ އެވެ.