ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް މިހާރު ކަނޑައަޅާފައިވާ އަދަދު ބޮޑުކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު އެެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް މިއަހަރު ގެނައި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން މިހާރު ނެގެނީ ހައްޖަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާ އަގުގެ 50 އިންސައްތަ އެެވެ.

ޕެންޝަނާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް މިހާރު ފޮނުވާފައިވާ ބިލްގައި ވަނީ މިއަދަދު 80 އިންސައްތައަށް އިތުރުކުރެވޭ ގޮތް ހެދުމަށް ހުށަހަޅާފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ އަދަދު ބޮޑުކުރަން ނިންމައި ގާނޫނު އިސްލާހުކުރަން މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އިސްލާހުގެ ތަފްސީލް ހޫދު ދެއްވާފައެއް ނުވެ އެވެ.

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް މިސަރުކާރުން ހެދި އުސޫލުގައި ބުނެފައިވަނީ ޕެންޝަން ސްކީމްގައި ބައިވެރިވެގެން ހައްޖަށް ދިއުމަށް ފައިސާ ދޫކުރަނީ އަލަށް ހައްޖަށް ދާ މީހުންނަށް ކަމަށެވެ. ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ހުށަހަޅާއިރު އެމީހެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000 ފައިސާ ހުރުން ލާޒިމުކޮށްފައިވެ އެވެ.